ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މެންދުރާ ހަމައަށް ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޙުލީލުތަކުން ކަށަވަރުކުރުމަށްފަހުގައި ހުއްދަ ލިބިގެންކަމަށެވެ.
ނަޖާހު ވިދާޅުވީ ފެން ދޫކުރުން ކުރިއަށްގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުންކަމަށެވެ. އެގޮތުން ފެނުގެ ވިއުގައިގައި އިތުރު މައްސަލައެއް ފާހަގަނުވާ ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ދޫކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފުވައްމުލަކުގެ ފެނުގެ ވިއުގައިގައި ހުރި ފެންލީކްވުމުގެ ބޮޑެތި މައްސަލަތައްވެސް މިހާރު ހައްލުކޮށްފައިވާކަމަށެވެ. އަދި ފެން ލީކްވުމުގެ ކުދި މައްސަލަތައް ފެން ދޫކުރުމަށްފަހުގައިވެސް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ބައެއް ގެތަކަށް ފެނުގެ ކަނެކްޝަން ގުޅާފައި އޮތް ގޮތުގެ ސަބަބުންވެސް ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާކަމަށެވެ. އެކަންކަންވެސް ގޭގެ ވެރިންނާ ގުޅިގެން ހައްލުކުރުމަށް ފެނަކައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. ނަމަވެސް ރައްކާތެރި ބޯފެން ކަށަވަރުކުރުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފެނަކައިން ވިދާޅުވީ ފުވައްމުލަކު ފެނުގެ ވިއުގައަށް ދިމާވި މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބޭނެކަމަށެވެ. އަދި އިތުރަށް ހުރި މައްސަލަތައްވެސް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ފެނަކައިން ކުރިއަށްގެންދާނެކަމަށެވެ.