ޚަބަރު

ފަލަސްތީން މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި


  • މި ޓިކެޓް ރައީސާއި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤް

  • ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްގެ އަގަކީ 1000 ރުފިޔާ

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މިޓިކެޓް ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެފްއޭއެމުން ވަނީ ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްވެސް އަރުވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނަށް ދެއްވާ އަހަންމިއްޔަތު ފެނިގެންދާ، އަދި އެމަނިކުފާނު ފަލަސްތީނުގެ ރައްޔިތުންނާއިއެކު ހުންނެވިކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމުގައި ބައިނަލްއަގްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ފާޅުގައި ވާހަކަ ދައްކަވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާފައިވާއިރު މިރެއާއި މާދަމާރޭ އޮންނަ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.

މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.

މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

މި ދެމެޗަށް ސްވެނިއަރ ޓިކެޓު ވިއްކި ނަމަވެސް ދެމެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.