ޚަބަރު

ޓީމު އެކުލަވާލީ ދިވެހި ޕްރިމިއަރ ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިގެން: މޯހަން


  • ގައުމީ ޓީމުގެ ސްކޮޑުގައި ވަނީ މުޅިން އަލަށް ޒުވާން ތިން ކުޅުންތެރިއަކު ހިމަނާފައި

  • ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މި މަހު 18 ވަނަ ދުވަހު

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިގެންކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފައިވާ ގައުމީ ޓީމުގެ ސްކޮޑުގައި ވަނީ މުޅިން އަލަށް ތިން ކުޅުންތެރިއަކު ހިމަނާފައެވެ. އެއީ ކުލަބު ވެލެންސިއާގެ ޒުވާން ކެޕްޓަން އީތަން އިބްރާހީމް ޒަކީ އާއި، ބުރު ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ޠާއިފް ގާސިމުގެ އިތުރުން ކުލަބު އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުޙައްމަދު އަޝްވާނެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މި ފަހަރުގެ ސްކޮޑް އެކުލަވާލީ ދިވެހި ޕްރިމިއަރ ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މަގާމުތަކަށް ބަލައިގެން ކަމަށެވެ. އަދި ޓީމަށް ނަގާފައިވާނީ އޭނާ ބޭނުންވާ ސިސްޓަމަށް ނުވަތަ ސްޓައިލަށް ކުޅެވޭ ކުޅުންތެރިން ކަމަށްވެސް ވަނީ ބުނެފައެވެ.

"ސްކޮޑް އެކުލަވާލީ ދިވެހި ޕްރިމިއަރ ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިގެން، މަގާމުތަކަށް ބަލައިގެން. މި ފަހަރު ލީގުގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިން، އަޅުގަނޑު ބޭނުންވާ ސިސްޓަމަށް ނުވަތަ ސްޓައިލަށް ކުޅެވޭ ކުޅުންތެރިން ބަލައިގެން އަދި ބޭނުންވާ ފިލޯސޮފީއަށް ފޯކަސްކޮށްގެން ކުޅުންތެރިން ނަގާފައި އެހުރީ" މޯހަން ބުންޏެވެ.

ފިލިޕީންސް މެޗަށް އެފްއޭއެމްއިން 25 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއިރު، އެ ސްކޮޑުން މިޑްފީލްޑަރު އަޙްމަދު އައިހަމް ވަނީ ވަކިކޮށްފައެވެ. އޭނާ ވަކިކޮށްފައިވަނީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ އާއި ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއްވަނައިގައި އޮތް ފިލިޕީންސްއާ ދެކޮޅަށް ރާއްޖެއިން އަމިއްލަ ދަނޑުގައި ނުކުންނައިރު، މޯހަން ބުނީ ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް ކަމަށާއި، ތާވަލުގެ އެއްވަނައިގައި އޮތް ޓީމާ ދެކޮޅަށް ނުކުންނައިރު، މިއީ ވަރަށް އަނދަގޫ މެޗަކަށް ވެގެންދާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންނަށް އިނގޭ އެ މީހުންގެ ފެންވަރު ވަރަށް ރަނގަޅުކަން، މޮޅެތި ކުޅުންތެރިން މިހާރު އެކި ތަންތަނުން (ބްރެޒިލް އާއި އެކި ތަންތަނުގެ ކުޅުންތެރިން) ސިޓިޒަންޝިޕް ދީގެން ކުޅެމުންދާކަން. އެހެންކަމުން މިއީ ފަސޭހަ މެޗަކަށް ނުވާނެ. އެހެން ނަމަވެސް އަމިއްލަ ދަނޑުގައި ކޮންމެ މެޗަކީވެސް ނަތީޖާ ނެރެވޭނެ މެޗެއް. އެހެންވީމަ އެގޮތަށް ވިސްނައިގެން އަޅުގަނޑުމެން ތައްޔާރުވަމުންދާނީ." މޯހަން ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ފުލުގައެވެ. އަދި ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން ޕޮއިންޓެއް ހޯދައިފައެވެ. ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ކުރި ހޯދައިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނަ ޓިމޯ ލެސްޓޭއަށް ލިބިފައިވާއިރު، އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.