ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ފަސޭހަ މޮޅެއް ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ފަލަސްތީން މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕުކުރަމުން އަންނައިރު، މި ކޭމްޕުގެ ތެރެއިން ދެ މެޗެއް ކުޅޭނެއެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީން ޓީމު ރާއްޖޭގައި މަޑުކުރާއިރު، އެ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހުގެ 22 އިން 30 އަށް އިންޑިއާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކަށެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުވެސް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ ތައިލެންޑުގައެވެ.
ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ފަލަސްތީނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެވެ. އަދި މި ހާފުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ފަލަސްތީނުން ލީޑު ނަގާފައިވަނީ މި ހާފުގެ 16 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޒައިން ޣަޒާވީއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ފަލަސްތީނުން ލީޑު ފުޅާކުރިއިރު، މިއީ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފަލަސްތީނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ޔަޒަން ޚަލީފާއެވެ.
މި މެޗުގައި ފަލަސްތީނުން ކާމިޔާބުކުރި ފަހު ތިން ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ފަލަސްތީނުގެ ހަތަރުވަނަ ލަނޑު އާދަމް އަމިރޭ ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑަކީ ރާއްޖޭގެ އިބްރާހީމް އައުސަމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފަލަސްތީނުގެ ފަހު ލަނޑު ޖަހައިދިނީ މޮހްޔެއްދީން ހަސަސްނާއެވެ.
މި މެޗުން ފަސޭހަކަމާއެކު ފަލަސްތީން މޮޅުވިއިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓިކެޓުތަކެއް ވިއްކަމުންނެވެ.