ޚަބަރު

28 އަހަރުގެ ތެރޭގައި ނޯވޭ ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް


ވޯލްޑްކަޕް ކޮލިފައިންގައި ރޭ އެސްޓޯނިއާ އާއި ދެކޮޅަށް ނޯވޭ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ނޯވޭ ކާމިޔާބުކޮށް 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އައި ގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗުން ނޯވޭ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 7 މެޗުން 21 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުވެފަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު ދެވަނައަށް ދާ ޓީމަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ.

ނޯވޭގެ ޔުލެވާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަހަރު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ނޯވޭ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިންއިރު އޭނާ ވަނީ އޭގެ ހަ މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާފަ އެވެ.

އެސްޓޯނިއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 64 ވަނަ މިނިޓުގައި ރޮބީ ސާމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނޯވޭ އެންމެ ފަހުން ވޯލްޑްކަޕްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.

މި ގްރޫޕުގެ ދެވަނައިގައި ހިމެނޭ އިޓަލީ އިން މޮލްޑޯވާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިޓަލީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް ކުރިއަށް އޮތް ގްރޫޕްގެ ފަހު މެޗުން ނޯވޭ ބަލިވެ އިޓަލީ މޮޅުވި ނަމަވެސް ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވާއިރު ނޯވޭ އަށް ފައިދާ ގޯލުގެ ގޮތުގައި 17 ލަނޑުގެ ތަފާތެއް އެބައޮތެވެ. އެހެންކަމުން ގްރޫޕުގެ ފަހު މެޗުގައި އިޓަލީ އަށް ވަރަށް ބޮޑު ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ގްރޫޕްގެ އެއްވަނަ މަގާމް ނުލިބޭނެ އެވެ.