ޚަބަރު

ޞިއްޙީ ރަނގަޅު އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވާންޖެހޭ: ރައީސް


  • ހަށިގަނޑަށް ގެއްލުންހުރި ކަންކަމާއި ދުރުހެލިވުމަށް ރައީސް ގޮވާލެއްވި

  • ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ 14 ވަނަ ދުވަހު

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މި ބަޔަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި މި ބަލިން ރައްކާތެރިވުމަށް ރަނގަޅު އާދަތައް ގެންގުޅެން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ގައިގައިން ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިޢްޙީ ރަނގަޅު އާދަތައް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވުމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ އެމަނިކުފާނު ވަނީ ގޮވާލައްވަފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް އަމިއްލަ ޖަމާޢަތްތަކައި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ބަލިތަކާއި ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިގޮތަށް ފާހަގަކުރާ ދުވަސްތަކުގައި އައު ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބަލިތައް ޖެހުމުގެ ކުރިން ރައްކާތެރިވުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ރަނގަޅު ފެންވަރުގެ ފަރުވާގެ ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން އިސްކަން ދެއްވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މުޖްތަމަޢުގެ ތެރޭގައި ހުރި ސިއްޙީ ނުރަނގަޅު އާދަތަކުން ރައްޔިތުން ދުރުހެލި ކުރުމަށް ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ހަކުރު ބައްޔާއި ދުޅަހެޔޮކަމެވެ.