ޚަބަރު

ޑާކްރެއިންގެ "އަލްވަދާއު" ފިލްމުގެ ޓްރެއިލަރއިންވެސް ފުން އިޙްސާސްތަކެއް!


  • ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން މިހާރު ދަނީ ވިއްކަމުން

  • ޑިސެމްބަރު 20 އާއި ހަމައަށް އޮލިމްޕަހުގައި ފިލްމް ދައްކާނެ

  • ފިލްމް ޕްރިމިއަރކުރާނީ ޑިސެމްބަރު 1 ގައި

  • ފިލްމުގެ ލީޑްތަރިންނަކީ މަޖުދާއާއި ޝަރަފު

ދިވެހި ސިނަމާތަކުގައި ދެން އެންމެ އަވަހަށް އެޅުވުމަށް ތައްޔާރުވަމުންދާ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "އަލްވަދާއު" އެވެ.

"އަލްވަދާއު"ގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުގައި މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޑާކްރެއިން ބުނެއެވެ. މި ފިލްމް އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މިފެށޭ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޢަލީ ޝަފާއު (ޗިއްޕެ) އެވެ. ފިލްމުގެ ވާހަކަ ލިޔެ ތައްޔާރުކުރީ ޝަހުދާ މަހުމޫދު (ޝަހޫ) އެވެ.

ފިލްމުގެ ލީޑް ކާސްޓުންނަކީ މަރްޔަމް މަޖުދާ (މަޖޫ) އާއި ޝަރަފް ޢަބްދުﷲ އެވެ. ހަމައެހެންމެ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބު، ހާޒިފް މުޙައްމަދު އަދި ދާދިފަހުން ފިލްމީ ދާއިރާއަށް ތަޢާރަފުވި އާއިޝަތު ލައިޝާވެސް މި ފިލްމުގެ މުހިންމު ކެރެކްޓަރތަކުން ފެނިގެންދާނެއެވެ.


މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާން އަންހެން ކުއްޖެއްގެ ދިރިއުޅުން، ކުއްލިއަކަށް ބަދަލުވެ ދިރިއުޅުމުގައި އޭނާ ކުރިމަތިލާންޖެހޭ ތަފާތު އިމްތިޚާނުތަކެއްގެ މައްޗަށެވެ.

ފިލްމުގެ އޮފިޝަލް ޓްރެއިލަރވެސް މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، މިއީ އަސަރުން ފުރިގެންވާ ތަފާތު އިޙްސާސްތަކާ ޖަޒުބާތުތަކެއް ބެލުންތެރިންނަށް ގެނުވާނެ ފިލްމެއްގެ ގޮތުގައި ޑާކްރެއިންވެސް ފާހަގަކުރެއެވެ.

ދިވެހި ފިލްމް "އަލްވަދާއު" އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 އިން 20 އަށެވެ. މި ފިލްމު މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެޅުވުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުން ރިކުއެސްޓްތައް ލިބެމުންދާ ވަރަކުން އެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާނެކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނެއެވެ.