ޚަބަރު

ތިލަމާލެ ބްރިޖުގެ %66 ނިމިއްޖެ، ބްރިޖާ ގުޅޭ ގުޅިފަޅުގެ މަގުތައްވެސް ފަށައިފި


  • ތަނބުތަކުގެ މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރަމުންދަނީ މާލެ-ވިލިމާލެ ތަނބުތައް ގުޅާލުމުގެ މަސައްކަތް

ތިލަމާލެ ބްރިޖްގެ %66 އަށްވުރެ ގިނަ މަސައްކަތްތައް ނިންމާލައިފިއެވެ. ބްރިޖްގެ މައި މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަމުންދަނީ މާލެއާއި ވިލިމާލެއާއި ދެމެދު ތަނބުތައް ގުޅާލުމުގެ މަސައްކަތްތަކެވެ.

ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މުޅި މަޝްރޫޢުގެ %66.26 މަސައްކަތް ނިމިފަވާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ 3 ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފަވާއިރު، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ %98 މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގައި ތަނބުތަކުގެ މަސައްކަތައް 263 ހޮޅި ވަނީ ފައްތާފައެވެ.

މާލެއާއި ވިލިމާލެއާއި ދެމެދުގެ ތަނބުތަކުގެ ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި މައިގަނޑު މަސައްކަތެއްގެގޮތުގައި ކުރިއަށްދަނީ ތަނބުތައް ގުޅާލުމުގެ މަސައްކަތެވެ.

ބްރިޖްގެ ތަނބުތައް ގުޅާލުމުގެ %36 މަސައްކަތް މިހާރު ވަނީ މުޅިން ނިންމާފައެވެ. އެގޮތުން ވިލިމާލެއާއި މާލެއާއި ދެމެދު ތަނބުތައް ގުޅާލުމަށް މިހާތަނަށް 437 ކާސްޓް ސެގްމަންޓް ވަނީ ގުޅާލާފައެވެ.

ބްރިޖްގެ މައި ސައިޓަކީ ގުޅިފަޅުގެ ސައިޓެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ބްރިޖް ތަނބުތައް ގުޅާލުމަށް ޑެކުގައި އަޅާ 1222 ސެގްމަންޓްގެ ތެރެއިން 912 ސެގްމަންޓް ކާސްޓްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ބްރިޖާއި ގުޅިގެންދާ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފަވާކަމަށެވެ. އެގޮތުން ގުޅިފަޅުން ބްރިޖް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް މިހާރު ސައިޓުގައި ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި އެ ސަރަޙައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަކީ މާލެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ ސައްކަތުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މާލެއާއި ވިލިމާލޭގެ ކަނެކްޓިވިޓީ އަންނަ އަހަރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.