ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ރައްކާތެރިކަން ކަށަވަރުކުރަން 2 ދުވަސް ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލައި ފާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ކުރާ މަސައްކަތުގެ ތެރެއިން، މިމަހުގެ 13 އަދި 14ވަނަ ދުވަހު ވަނީ 501 ސަރަޙައްދެއް ބަލައި ފާސްކޮށްފައެވެ.
އެގޮތުން މި ދެދުވަސް ތެރޭ 129 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި މި މަސައްކަތުގެ ތެރެއިން، 10 އުޅަނދެއް ޗެކްކޮށް 4 އުޅަނދެއް ޓޯވް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދަައްކައެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 10 އުޅަނދެއް ޗެކޮށްކޮފައިވާއިރު 4 އުޅަނދެއް ޓޯވކޮށްފައިވެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވެއެވެ. އެގޮތުން 840 މިނިޓް ފުޓްޕެޓްރޯލް ކޮށްފައިވެއެވެ. pic.twitter.com/rz4n09YSd3
— Maldives Police (@PoliceMv) November 15, 2025
މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމަށް ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ މިއަހަރުގެ އޮގަސްޓުމަހު ގޭންގު ކުށްތަކުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ، ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.
އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.