ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންގްލެންޑުން ކާމިޔާބުކޮށްފިއެވެ.
ކޮލިފައިންގެ ގްރޫޕް ކޭ ގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު އަށް މެޗުންވެސް މޮޅުވެ 24 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. އަލްބޭނިއާ މި މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ އަށް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ދެވަނަ ލިބި ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފަ އެވެ.
ރަށުން ބޭރުގައި އިންގްލެންޑް ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރުވެސް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުވެފައިވާތީ މި މެޗަށް ޓީމު ނެރުނުއިރު ކޯޗު ތޯމަސް ޓުޗޭލް ވަނީ ޓީމަށް ޖުމްލަ ހަތް ބަދަލެއް ގެނެސްފަ އެވެ.
އޭގެ ތެރޭގައި އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ވަނީ ޑިފެންޑަރ ޖަރެލް ކުއެންސާގެ އަދި އެޑަމް ވޯޓޮން އަށް ދީފަ އެވެ.
އިންގްލެންޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
މި މެޗުގައި އިންގްލެންޑް އިން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އޭގެ އަށް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ހެރީ ކޭން މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ އިންގްލެންޑްގެ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 78 އަށް އަރާފަ އެވެ.
ކޮލިފައިންގައި އިންގްލެންޑް ކުޅުނު 8 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ ޔޫރަޕްގެ ޓީމަކަށް މިހާތަނަށް ހޯދިފައިވާ ނަތީޖާއެއް ނޫނެވެ.