ޚަބަރު

ހަފުތާ 104ގެ އެންމެ ބޮޑު ކާމިޔާބީ: ބަނގުރޫޓުވުމުގެ ތުންފަތް މަތީ އޮތް ޤައުމު ސަލާމަތް ކުރުން


  • ޒިންމާދާރު ފިސްކަލް ސިޔާސަތެއް ތަންފީޒުވާނެކަން ޤާނޫނަކުން ކަށަވަރުކުރި

  • އާމްދަނީ އާއި ނުބައްދަލު ޚަރަދުތައް މަދުކޮށް ލިބުނު ބަޖެޓުން ފުއްދި

  • ސިންދަފާތުކުރަން އައު އިޤްތިޞާދީ ހަރަކާތްތަކެއްގެ މަސައްކަތް ވަނީ ފަށާފައި

ސަރުކާރަށް 104 ހަފްތާ ވެގެންދާއިރު، ޤައުމުގެ ހާލަތަށް އައި ބަދަލު ވިސްނާލަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވީ ވަޅުޖެހިފައިވާ ބަނގުރޫޓޫވުމުގެ ތުންފަތްމަތީ އޮތް ދައުލަތަކާއެކެވެ. މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ތަކުރާރު ކުރަމުން ދިޔަ ހަޤީޤަތަކެވެ.

ސަރުކާރު ހަވާލުވިއިރު ފެންނަން އޮތް ހަޤީޤަތަކީ ނަތީޖާއެއް ނުނެރެވޭ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމެވެ. ދައުލަތުގެ ބައިތުލްމާލު ބަލަހައްޓާފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަން މާލީ އިދާރާތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. 2023 ވަނަ އަހަރު 2 ބިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށް އެއަހަރުގެ ޚަރަދުގައި ނުހިމަނައި ޖެހިގެންއައި އަހަރުގެ ރެކޯޑުތަކުގައި މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ރެކޯޑު ކުރުން ފަދަ އޮޅުވާލުމުގެ ބޮޑު މައްސަލަތަކެއް ފެންމަތިވިއެވެ.

ޚަރަދަށް ޒިންމާވުމުގެ ޤާނޫނެއް އޮވެ، ސަރުކާރުން ހިންގީ ޤާނޫނު "ބަނދެގެން" ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންވީ ހަރުދަނާ ބަދަލުތަކެކެވެ. ފުރަތަމަ އަހަރު ހިފެހެއްޓެވީ ބަޔަކު އަތުރާފައި ދިން ބަޖެޓެއްގެ ތެރެއިން ޒިންމާދާރުކަން އިސްކުރުމަށެވެ. ދެވަނަ އަހަރު ތެރޭގައި ކުރިން ފާހަގަކުރި ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އުވާލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ އައު ޤާނޫނެއް ތަޢާރަފްކުރެއްވިއެވެ. ކޮންމެ ފަސް އަހަރަކުން ފިސްކަލް ސިޔާސަތުގެ ޗާޓަރެއް އެކުލަވާލުވުމާއި ޚަރަދުތަކަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ އުސޫލަށް އައު ޤާނޫނުގެ ތެރެއިން ތަޢާރަފްކުރެއްވިއެވެ.

ދެވަނަ އަހަރު، މިއަހަރު ތެރޭގައި ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކޮށްފައިވެއެވެ. ޓެކްސް ޤާނޫނަށް ގެނެވުނު އިސްލާހުތަކަށް މިއަހަރު ޖުލައި މަހު ޢަމަލުކުރަން ފެށުނުއިރު، މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވެއެވެ. އާމްދަނީއަށް ވުރެ ޚަރަދުތައް ބޮޑުކޮށް ދައުލަތް ހިންގުމުގެ ސަޤާފަތް ދޫކޮށްލައްވާ އެމަނިކުފާނުގެ ސަރުކާރު އިސްކުރެއްވީ، ދައުލަތަށް ލިބޭ އާމްދަނީ ފަރުޖެއްސުމަށެވެ. މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ހެކިވެދޭ ފަދައިން، 40 ހަފްތާއަށް ވުރެ ގިނަ ހަފްތާ މިހާތަނަށްވެސް އަރަނިކޮށް ހިންގައިފިއެވެ.


ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީން، އެންމެ ކުޑަ އާބާދީން ފެށިގެން އެންމެ ބޮޑު އާބާދީ އޮތް ރަށްތަކާއި ހަމައަށް އޭޓީއެމް ޚިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްކޮށްދީފިއެވެ. އަސާސީ ބޭންކިން ޚިދުމަތާއެކު މިކަމުން ރައްޔިތުންނަށް ލިބިގެންދިޔައީ މާލީ ބާރުވެރިކަމެކެވެ. ކުދި ރަށްރަށުގެ އިޤްތިޞާދަށް ގެނުވީ އާރޯކަމެވެ.

ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުން ދިވެހިން އިސްތިސްނާ ނުވާކަން ދަނެ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އަތް ފޯރާ އަގެއްގައި އެ ބާވައްތައް ރައްޔިތުންނަށް ލިބޭނެކަން ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ކަށަވަރު ކޮށްދިނެވެ.

ރާއްޖެއަށް މީގެ ކުރިން އެތެރެނުކުރާ ތެލެއް ކަމަށްވާ ވީއެލްއެެސްއެފްއޯ އެތެރެކޮށް ބަންކަރި ޚިދުމަތް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުން 180 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ ކާމިޔާބު އިޤްތިޞާދެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ބުނެވިދާނެއެވެ. ސަރުކާރުތަކުން ކުރަން ކުރަން ކިޔައި ކިޔައި އޮވެ ނުފެށި އޮތްވާ އެމަނިކުފާނު އެމަސައްކަތް އޮފް-ޝޯ ކޮށް ނަމަވެސް ފެއްޓެވިއެވެ.

ވެލާނާ އެއަރޕޯޓު އައު ޓަރމިނަލް ހުޅުވުމަށް ސަރުކާރުން ދެއްވި އިސްކަމުން ދޭހަވީ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ސަރުކާރުން ދީފައިވާ އިސްކަމެވެ. ދިވެހި އިޤްތިޞާދު ހިނގައިގަންނަން ބޭނުންވާ އިންޖީނު ހިންގާލީ، އެ ކަމުން ކުރާނެ ފައިދާތައް އެނގި އޭގެ މަންފާތައް އަވަހަށް ލިބިގަތުމަށެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދަކަށް ރާއްޖޭގެ އިޤްތިޞާދު ވެފައި އޮތުން ބަދަލުކުރުމަށް އެސްއީޒެޑް ޒަމާނީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މަދުވެގެން 500 މިލިޔަން ޑޮލަރު އިންވެސްޓް ކުރާ ސަސްޓައިނަބަލް ޓައުންޝިޕް މަޝްރޫޢުތަކަކީ ދެމެހެއްޓެނިކަމަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މިއާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ރެޒިޑެންޓް ވިސާ ނިޒާމެއް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ މަަސައްކަތް ކުކުރަމުންނެވެ.


މިއަދު ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބާތޯ ކޮންމެ ފަރާތަކާއި ސުވާލުކޮށްލިޔަސް ދޭނެ ޖަވާބަކީ، ބަނގުރޫޓުވުމަށް ޑިޒައިންކޮށްފައިވާ އިޤްތިޞާދު ހަރުދަނާ ސިޔާސަތެއްގެ ދަށުން ސަލާމަތް ކުރުން ކަމަށް ބުނާނެއެވެ. ރާއްޖޭގެ އިޤްތިޞާދުގައި ބުންވަރު ހުރިކަން ސާބިތުކޮށްދިނީ، އަމިއްލަ ފަރާތްތަކަށް 206 މަޝްރޫޢުއެއް ހަވާލުކުރުމުންނެވެ. ޖުމްލަ 53 ކުންފުންޏަކުން އެއްފަހަރާ މަސައްކަތް ކުރިއަށްގެންދެވޭ ވަރުގެ އިޤްތިޞާދެއް ބިނާކުރެވިއްޖެއެވެ. ބަޖެޓަށް ބަރޯސާނުވެ މަސައްކަތްތައް ފެށިގެންދިޔައީއެވެ.

މިކަންކަމުން ފެނިގެންދަނީ ހަރުދަނާ އިޤްތިޞާދީ، މާލީ ސިޔާސަތެކެވެ. ފާހަގަކޮށްލަން ޖެހޭ ހަޤީޤަތަކީ މިހުރިހާ ކާމިޔާބީއެއް ހޯދާފައިވަނީ ދަރަނި އަދާކުރަމުން ކަމެވެ. ސަރުކާރުން ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް ދެއްކުމުގައި ލަހެއް ފަހެއް ނެތެވެ. ދައުލަތުގެ ހިންގުން ކުރިއަށް ގެންދަވަނީ ބާރު ދުވެލީގައެވެ.