ޚަބަރު

އިސްލާހީ ފިޔަވަޅުތައް ކާމިޔާބު، އަމާޒު އިޤްތިޞާދީގޮތުން މިނިވަން ޤައުމަކަށް ހެދުން: މާލީ ވަޒީރު


  • ގެނައި ބަދަލުތަކާއެކު އިޤްސާދީގޮތުން ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެއްވި

  • މިނިވަން ދިވެހިރާއްޖެއަކަށް ހެދުމަށް އިޤްތިޞާދީ މިނިވަންކަން މުހިންމުކަމަށް ވިދާޅުވި

  • އިޤްތިޞާދީގޮތުން ފުދުންތެރި، އެންމެންނަށްވެސް ފައިދާ ލިބޭ ޤައުމަށް ވެގެންދާނެކަމަށް ވިދާޅުވި

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިވީ 2 އަހަރުތެރޭ ގެނައި އިސްލާހީ ބަދަލުތައް ކާމިޔާބު ކަމަށާއި، އަމާޒަކީ ރާއްޖެ އިޤްތިޞާދީގޮތުން މިނިވަން ޤައުމަކަށް ހެދުން ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މުސާ ޒަމީރު ވިދާޅުވެއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވީ އިރު ޤައުމުގެ އިޤްތިސާދު އޮތީ ނާޒުކު ހާލަތެއްގައެވެ. އެފަދަ ހާލަތެއްގައި އޮތް އިޤްތިސާދެއް ކޮޅަށް ޖެހުންވެގެންދިޔައީ ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއެކު މިވީ 2 އަހަރުދުވަހުގެތެރޭގައި ރާއްޖެއަށް ވަނީ އިޤްތިސާދީގޮތުންނާއި މާލީގޮތުން ގިނަ ކުރިއެރުންތަކެއެ ލިބިފައެވެ.

މިކަން ފާހަގަކުރައްވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައި ހުރުން ކަމަށާއި، އެ ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއްވެސް ހޯދާފައިނުވުން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރީ ދަރަނިތައް މެނޭޖްކޮށް، ދަރަނި އަނބުރާ ދެއްކޭނެ ގޮތްތައް ހޯދުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލީ ދާއިރާއަށް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ. އަދި ގެނެވުނު ބަދަލުތައް ބޭރުގެ ފަރާތްތަކުންވެސް ބަލައިގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުވެސް ދަރަނި ނަގާ، އެކަމަކު ދަރަނި ދެއްކޭނެ ގޮތްތަކެއް ރާވައިގެން ދަރަނި ނަގަނީ، އެއީ ރައީސް ގެންނެވި ތަފާތަކީ، މާކެޓަށް ކޮންފިޑެންސް ލިބެން ފަށައިފި، ސަރުކާރުން ބޭނުން ނަމަ ލޯނު ލިބިދާނެކަމަށް އެބަ ބުނޭ،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިނިވަން ދިވެހިރާއްޖެއަށް ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ. އަދި މި ޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންކަން ލިބިގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯދައިދެވޭނެ ކަމަށެވެ.

"ދަރަނި މެނޭޖްކުރެވި، އިތުރު ރެވެނިއު ސްޓްރީމްސް ޖެނެރޭޓުކުރެވި، އިޤްތިޞާދު ޑައިވާސިފައިވެގެންދާއިރު، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބެގެން، އަމިއްލަ ވަންތަ އިޤްތިޞާދެއް ބައްޓަންކުރެވިގެންދާނެ ކަމަށް ދެކެނީ" މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު މި ކުރެވެމުންދާ މަސައްކަތްތަކާއެކު އިޤްތިސާދީގޮތުން ޤައުމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިޤްތިޞާދީގޮތުން ފުދުންތެރި، އެންމެންނަށްވެސް އިޤްތިޞާދުގެ ފައިދާ ލިބޭ ޤައުމަށް ރާއްޖެވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.