ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ ގޭންގު ކުށްތައް ހިންގުމާއި މަސްތުވާތަކެތީގެ ވަބާއާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް މި ދައުރުގެ ތެރޭގައި ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވެވި "ރައްޔިތުންނާއެކު ކުރިއަށް" ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިޖުތިމާޢީ ރައްކާތެރިކަން ޤާއިމުކުރުމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ތަފުސީލީ ގޮތެއްގައި ޙިއްސާކުރައްވާފައެވެ.
17 ނޮވެންބަރު 2023 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ދިމާވެފައިވާ 3 ވަބާއަކުން ޤައުމު ސަލާމަތްކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ. އެއީ ގޭންގު ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.
ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީ ޙިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެއް ތަރައްޤީއަކީ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މުޖުތަމަޢެއް ބިނާކޮށްދިނުން ކަމަށެވެ. މިކަން ޙާސިލުކުރުމަށްޓަކައި ޒަމާންވީ މައްސަލަތަކެއް ރާއްޖޭގައި ހުރިކަން ފާހަގަކުރެއްވިއެވެ.
"ޤައުމުގައި އެބަހުރި ބޮޑެތި މައްސަލަތައްވެސް. ޑްރަގްގެ މައްސަލައާއި ގޭންގު ކުށްތަކާއި ނުގަވައިދުން އުޅޭ ބިދޭސީންގެ މައަސަލަ. މި 3 މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފިން." ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އަލިއަޅުއްވާލެއްވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށެވެ. އެގޮތުން ރާއްޖޭގައި އުޅޭ ބިދޭސީން ބަޔޮމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ދެން ހިންގާ އޮޕަރޭޝަނެއް ނުވަތަ ރައްޔިތަކުދޭ މަޢުލޫމާތެއް މެދުވެރިކޮށް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ދެނެގަނެވިއްޖެނަމަ ވަގުތުން ޑީޕޯޓްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެރީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ މަތީ އަދަބު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އޭރުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވި، މުޅި މައްސަލައަށް ވަށައިޖެހޭ ހައްލު ލިބޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެވިހިފާފައިވާ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ލ. ގަމާއި ނ. ވެލިދޫއާއި ކ. ކާށިދޫގައި ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ގޭންގުގެ ވަބާއަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ ގޭންގުތައް ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވުމާއެކު އެފަދަ ހަރަކާތްތައް ހިންގާ ގުރޫޕުތައް މަދުވެއްޖެ ކަމަށާއި އެއީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
"ދާޚިލީ ވަޒީރު އަޅުގަނޑު ގާތު ވިދާޅުވީ ދާޚިލީ ވުޒާރާއިން ޕީޖީއަށް ދެންނެވީމަ ވިދާޅުވެއްޖޭ ޝަރުތު ހަމަވާން ގޭންގެއް ނެތޭ. ގޭންގު ކުށްތައް މިހާރު ހުއްޓާލާފިއޭ. ގޭންގުތައް ވަރަށް މަދުވެއްޖެއޭ. ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނެތިގެނެ މިއުޅެނީ. ބޮޑެތި އަދަބުތައް ލާފައި މި ފާސްކުރާނީ ޒުވާނުން މިހުރިހާ ނުބައިކަމަކުން ސަލާމަތްކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ އެއްބާރުލުމާއެކީ މި މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުންގެ އެއްބާރުލުން މި މަސައްކަތަށް ލިބެއްޖެނަމަ މި ހުރިހާ މައްސަލައަކަށް މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެއީ ނިންމަވަން ކިތަންމެ އުނދަގޫ ނިންމެވުމެއް ނަމަވެސް، އަޅުއްވަން ކިތަންމެ އުދަގޫ ފިޔަވަޅެއް ނަމަވެސް، ޤައުމީ ފައިދާވާ ކޮންމެ ނިންމުމެއް ނިންމައި ފިޔަވަޅުތައް އަޅައި، މައްސަލަތައް މުލުންލުހެލުމަށް ކަމަށެވެ.