ޚަބަރު

ރާއްޖޭގެ ޤަދަރު އުފުލި، ކުރިއަށްވުރެ ބޮޑަށް ބަސްވިކޭ ޤައުމަކަށްވެއްޖެ: ޚާރިޖީ ވަޒީރު


  • ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖެއާއި ދިވެހިން އިސްކުރުންކަމަށް ވިދާޅުވި

  • މިއަދު ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބަސްބުނާ އަދި ބަސްވިކޭ ޤައުމެއްކަން ފާހަގަކުރެއްވި

  • ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި ރާއްޖޭން އަބަދުވެސް އަޑުހަރުކޮށް ވަކާލާތުކުރާނެކަމަށްވެސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޤަދަރު އުފުލި، ކުރިއަށްވުރެ ބޮޑަށް ބަސް ވިކޭ ޤައުމަކަށް ރާއްޖެވެފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބޭރު ދުނިޔެއިންވެސް ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށެވެ.

ސަރުކާރަށް 2 އަހަރު ފުރުމާގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖެއާއި ދިވެހިންގެ މަސްލަޙަތު އަބަދުވެސް އިސްކުރުންކަމަށެވެ. އަދި ރާއްޖެއަށް ފައިދާހުރި ކޮންމެކަމެއް ކޮށްދޭ ބަޔަކާއެކުވެސް ގާތްގުޅުމެއް ރާއްޖޭން ބާއްވާނެކަމަށާއި، "މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ މިއަދު ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޚާރިޖީ ސިޔާސަތު ގެންގުޅުއްވާ ގޮތް ވަރަށް ތަފްސީލުގޮތެއްގައި އެމަނިކުފާނު އެވަނީ ދިވެހި ރައްޔިތުންނަށް ވަރަށް ހާމަކަން ބޮޑުކޮށް ވިދާޅުވެދެއްވާފައި. އެހެންވީމަ އެންމެ ފުރަތަމަ ދިވެހި ޤައުމު، ދިވެހި ޤައުމަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށްޓަކާ އެކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ އެއްކޮށް އެންމެ ބާރުމިނުގައި އަޅުގަނޑުމެން ކުރިއަށްދާނީ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ރައީސްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ތެރެއިން ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުން މިއިން ދުވަހަކު ބަދަހި ނުވާ މިންވަރަށް ބަދަހިވެފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިންކަމަށްވާ އިންޑިއާއާއި ޗައިނާއާއެކު އޮތް ބަދަހިގުޅުމާއި، ޢަރަބި ދުނިޔޭގެ ޤައުމުތަކާ އަދި އެ ނޫންވެސް ދުރު ސަރަޙައްދުތަކުގެ ޤައުމުތަކާއެކުވެސް މި ސަރުކާރަށް ވަރަށް ސްޓްރެޓިޖިކް ގުޅުންތަކެއް ޤާއިމުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމަޢާތްތަކުގައި ރާއްޖޭގެ ހަރަކާތްތެރިވުން އިތުރުކޮށް، މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިދިޔަ 2 އަހަރަށް ބަލާއިރު ހަމައެކަނި ޔުނައިޓެޑް ނޭޝަންސްއަށް އަޅުގަނޑުމެން ބެލިކަމުގައިވިޔަސްވެސް، އދ.ގެ އެންމެފަހުން މި ބޭއްވި ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން އަދާކުރީ ނައިބު ރައީސެއްގެ ދައުރު. ޖެނެރަލް އެސެމްބްލީގައި އިންތިޚާބު ކުރެވުނު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކީ ރާއްޖެ. ކުޑަ ޤައުމެއް، ބޮޑެތި އެތައް ޤައުމުތަކެއް އޮއްވާ ރާއްޖެ ކަހަލަ ކުޑަ ޤައުމެއް އިންތިޚާބުވެގެން ދިއުން މިއިން ދައްކުވައިދޭ ރާއްޖޭގެ ސިޔާސަތުތައް، ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން. އެތަންތަނާ އޮތް ގުޅުން. މިއަދު އަނެއްކާވެސް ރާއްޖެއަކީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްކަން އަދާކުރާ ޤައުމެއް." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ހައި ލެވެލް ސްޓޭޓް ވިޒިޓްތަކާއި، އެކި ޤައުމުތަކުގެ ލީޑަރުންނާއި، ވަޒީރުން ފެންވަރުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެކި ޤައުމުތަކުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކާއި، ސްޓްރެޓިޖިކް ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަކީވެސް މިއަދު މުޅި ދުނިޔޭގެ ތަޢުރީފު ރާއްޖެއަށް ލިބެމުންދާ މަސައްކަތްތަކެއްކަމަށެވެ. އަދި މިކަމުން ރާއްޖެއަކީ ކުޑަ ޤައުމަކަށްވިޔަސް ހަމަޔާއި އިންސާފަށް ލޯބިކުރާ، އިންސާނީ ޙައްޤުތަކަށް އަޑުހަރުކޮށް ވަކާލާތު ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ސާބިތުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.