ޚަބަރު

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާ އާއި ނޭޕާލުގައި އެތައް ބަޔަކު މަރު!


ދެކުނު އޭޝިއާގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއި ތޫފާންތަކުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގައި، އިންޑިއާއިން 56 މީހުން އަދި ނޭޕާލުން 14 މީހުން މަރުވެއްޖެއެވެ.

މި ހާދިސާތަކުގައި ނޭޕާލުން 11 މީހަކު ގެއްލިފައިވާއިރު، އަދިވެސް ފެންބޮޑުވުމުގެ އިތުރު ހާދިސާތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރިލީފް ކޮމިޝަނަރު ރިޝީކޭޝް ބާސްކަރު ޔަޝޯދް އާދީއްތަ ދުވަހު ހާމަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު 25 އިން 27 ގެ ނިޔަލަށް އެ ސްޓޭޓަށް 66.5 މިލީމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އާންމުގޮތެއްގައި އެ މުއްދަތުގައި އެ ސަރަހައްދަށް ވެހެނީ އެންމެ 7.6 މިލީމީޓަރުގެ ވާރޭއެވެ. މި ހާދިސާތަކުގައި އިންޑިއާއިން މަރުވި މީހުންގެ އިތުރުން 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 1،000 އަށްވުރެ ގިނަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފެނުގެ ޚިދުމަތާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ގަންގާ، ގަންޑަކް، ކޯސީ، ބާގްމަތީ އަދި ނަރުމަދާ ފަދަ ބޮޑެތި ކޯރުތަކުގެ ފެންގަނޑު މިހާރު ވަނީ ނުރައްކަލުގެ މިންގަނޑަށްވުރެ މައްޗަށް އުފުލިފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ސަލާމަތީ އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ހިންގައި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ދަނޑުބިންތަކާއި ގޮވާމަށް ލިބުނު ގެއްލުންތައް ވަޒަންކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ނޭޕާލުގެ ޙާލަތަށް ބަލާއިރު، އެ ޤައުމުގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ޑިސްޓްރިކްޓަކަށް ފެންބޮޑުވުމުގެ އިންޒާރު ވަނީ ނެރެފައެވެ. ނޭޝަނަލް ޑިސާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު ޝާންތީ މަހާތު ވިދާޅުވީ، މިދިޔަ މަހު 1,450 އަށްވުރެ ގިނަ މީހުން މަރުވި ރަސޫވާ އާއި ނުވާކޯޓް ސަރަޙައްދުތަކުން މިހާރުވެސް އިތުރަށް ސަމާލުވެ ރައްކާތެރިވެ ތިބެންޖެހޭ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ނޭޕާލުގެ މަނަންގް، މުސްތަންގް، މިއަގްދީ އަދި ބަގްލުންގް ޑިސްޓްރިކްޓްތަކުން ވަނީ ކަރަންޓުގެ ޙިދުމަތް އެއްކޮށް މެދުކެނޑިފައެވެ. މީގެއިތުރުން ރަހުގަންގާ ކޯރު ފުރިބަންޑުންވުމުގެ ސަބަބުން 40 މެގަވޮޓުގެ ފެނުން ކަރަންޓު އުފައްދާ ކާރުޚާނާއަކަށާއި މައި ކަރަންޓު ޓަވަރުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އަދި އޮޕްޓިކަލް ފައިބަރު ނެޓްވޯކަށް ލިބުނު ގެއްލުންތަކާ ގުޅިގެން މުއާސަލާތީ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.