ޚަބަރު

ދިވެހިރާއްޖެ ބަލިކޮށް ފިލިޕީންސް އެއްވަނަ ދަމަހައްޓައިފި


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗު ކާމިޔާބުކޮށް ފިލިޕީންސް ގްރޫޕްގެ އެއްވަނަ ދަމަހައްޓައިފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މިމެޗު ފިލިޕީންސް ކާމިޔާބުކުރީ 2-0 ނެވެ.

މިމެޗު ފަށައިގެންވެސް ފެނިގެންދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓާ ފިލިޕީންސް ޓީމުން އެޓޭކްތައް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. މެޗުގެ ކުރީކޮޅުގައި ދިވެހި ޓީމުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް ފިލިޕީންސްއަށް މާރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއަނުދީ ހިފަހައްޓާފައެވެ.

އެހެންނަމަވެސް ފިލިޕީންސްއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ފުރަތަމަ ކޯނަރުގެ ބޭނުންހިފައިގެންނެވެ. ދިވެހި ޓީމަށް ޑިފެންސް ކުރަން ޖެހުނު ފުރަތަމަ ކޯނަރުގައި ފިލިޕީންސްގެ ޑިފެންޑަރު ޖެފަރސަން ތަބިނާސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ފާ ޕޯސްޓުން މާއުނދަގުލަކާނުލާ ފުންމައިގެންއަރާ ބޮލުން ފޮނުވާލި ހަމަލާއިންނެވެ.

މެޗުގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސަންދްރޯ ރެޔެސްއެވެ. މިލަނޑަކީ ފިލިޕީންސްގެ އަދްރޭ ލެއިޕޯލްޑް އަރިމަތިން ބޯޅަހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ޖައްސާލިބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ޑިފެންޑަރު ސަމޫޙް ކައިރިން ނައްޓާލާފައި ކީޕަރުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ސަންދްރޯ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފްގައި ދިވެހި ޓީމަށް މާރަނގަޅު ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތް ވަނީ ނުވެފައެވެ. އަދި ފިލިޕީންސް ޓީމުން މެޗާ ކުރިމަތިލީވެސް ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހާ ގްރޫޕްގެ އެއްވަނަ ދެމެހެއްޓުމުގެ އަޒުމުގައެވެ. މެޗުގައި ލީޑު ނެގުމަށްފަހުވެސް އިތުރު ގޯލްތަކެއް ކާމިޔާބުކުރުމަށް އަވަސްވެގަތުމުން އެކަން ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔައެވެ.

ދިވެހި ޓީމުން ދެވަނަ ހާފަށް ނިކުތީ ދެ ބަދަލަކާއެކު އެވެ. އެއީ ކެޕްޓަން ސަމޫހްގެ ބަދަލުގައި ޤައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް ކުޅެން އެރި ޒުވާން ޑިފެންޑަރު ޠާއިފް ގާސިމް އާއި ރިޒުވާންގެ ބަދަލުގައި ހަސަން ރާއިފްއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފް ފަށައިގެން ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ދިވެހި ޓީމަށެވެ. މިގޮތުން ރަނގަޅު ޕާސްތަކަކަށްފަހު ހަމްޒާ ގޯލްކުރިމަށްޗަށް ތިރިތިރިން ޖައްސާލި ބޯޅަ ހަސަން ނާއިޒްއަށް ލިބުނު އިރު ކީޕަރު ނިކުމެ ހުރުމުން ނާއިޒް މަސައްކަތްކުރީ ކީޕަރު ބޯމަތިން އެއްލާފައި ދާންށެވެ. އެހެންނަމަވެސް ބޯމަތިން ކުރިއަށް ފޮނުވާލި ބޯޅަ ދެވަނަ ފަހަރަށް ނާއިޒްއަށް ލިބުމުގެކުރިން ފިލިޕީންސް ކީޕަރު ވަނީ ފަހަތުން ގޮސް ބޯޅަ ހިފާފައެވެ.

މިމެޗުގައި ރާއްޖޭގެ ކޯޗު ވަނީ ދެވަނަ ހާފްގެ ފަހު ކޮޅު ޒުވާން މިޑްފިލްޑަރ އީތަން އިބްރާހިމް ޒަކީ ކުޅެންނެރެފައެވެ. މިއީ އުމުރުން 17 އަހަރުގެ އީތަން ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ފިލިޕީންސް ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ހަމަކޮށްފައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޓީމަށް ދެން އޮންނާއި ގްރޫޕްގެ ފަހު މެޗެވެ. އެއީ މިއަންނަ އަހަރުގެ މާޗު ގައި ޓިމޯ ލެސްޓޭ އާއި ބައްދަލުކުރާ މެޗެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ޕޮއިންޓެއް ނުލިބި ދިވެހި ޓީމް އޮތީ ގްރޫޕްގެ ފުލުގައެވެ.