އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮސްޓަރިކާ ކޮލިފައިނުވެއްޖެނަމަ އެ ގައުމަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މެދުތެރޭ އެމެރިކާގައި އޮތް ގައުމު ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ވާދަކުރާނީ ޓޭބަލުގެ ކުރީގައިވާ ހޮންޑިއުރަސްއާ އެވެ. މި މެޗަށް ނުކުންނައިރު ކޮސްޓްރިކާ އަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނީ މެޗުން މޮޅުވެގެން އަދި ހައިޓީ ކުޅޭ މެުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ކޮސްޓަރިކާ މިވަގުތު އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ ތިން ވަނާގަ އެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވާ ހޮންޑިއުރަސް އާއި ހައިޓީ އަށް އަށް ޕޮއިންޓް ލިބިފައިވެ އެވެ. މިހެންވެ ކޮސްޓަރިކާ މެޗުން މޮޅުވެގެން ނޫނީ ހޮންޑިއުރަސް ފަހަތަށް ނުލެވޭނެ އެވެ. އޭރުން ވެސް ހެއިޓީ އާއި ނިކަރާގުއާ ކުޅޭ މެޗުގެ ނަތީޖާ އަށް ބަލަންޖެހޭނެ އެވެ.
ކޮސްޓަރިކާގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ހެދި ދިރާސާއިން ދައްކަނީ ވޯލްޑް ކަޕަށް ކޮލިފައިނުވެއްޖެނަމަ އެ ގައުމަށް 85 މިލިއަން ޑޮލަރާއި 120 މިލިއަން ޑޮލަރާ ދެމެދު އަދަދަކަށް ގެއްލުންވާނެ ކަމަށެވެ.
ބޮޑެތި މުބާރާތްތަކަށް މާގިނައިން ކޮލިފައިނުވާ ގައުމު ކޮލިފައިނުވެއްޖެނަމަ އެންމެ ބޮޑަށް ގެއްލުވާނީ ވެސް ފުޓްބޯޅަ އަށެވެ. މި ގޮތުން ލިބޭނެ އެންމެ ބޮޑު ދެރައަކަށްވާނީ ކޮލިފައިވާ ގައުމުތަކަށް ފީފާއިން ދޭ 14 މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރުގެ މާލީ އެހީ ނުލިބުމެވެ. ދަރިވަރުންގެ ދިރާސާގައި ބުނަނީ މި ފައިސާ އަކީ ކޮސްޓަރިކާގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާ ވަސީލަތްތަކާއި ކުޅުންތެރިން ބުނާ ކުރުމަށް ކުރަންޖެހޭ ހޭދަތަކަށް ވަރަށް މުހިންމު ފައިސާއެއް ކަމަށެވެ.
ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ކީޕަރު ކޭލާ ނަވާސްގެ ގައުމު ކޮސްޓަރިކާގެ ގައުމީ ޓީމު ބޭރު ގައުމުތަކަށް ދަތުރުކޮށް ކުޅޭ މެޗުތައް ވެސް މަދުވުގެ ފުރުސަތު އެބައޮތެވެ. އެ ދިރާސާގައި ބުނަނީ ގައުމީ ޓީމަށް ގައުމުން ބޭރުގައި ކުޅޭ މެޗުތަކުން ލިބޭ ފީ އަކީ ވެސް ގައުމުގެ ކުރިމަގަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. މި ގޮތުން ކޮލިފައިނުވެއްޖެނަމަ ފުޓްބޯޅަ އަށް އިތރު 70 މިލިއަން ޑޮލަރުގެ މާލީ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މި ސަބަބުތަކާހުރެ މި މެޗަކީ ކޮސްޓަރިކާ އަށް އެތައް ގޮތަކުން މުހިންމު މެޗަކަށްވަނީ ވެފަ އެވެ.