ޚަބަރު

ވަގަށް ނަގާފައިވާ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި


  • މިއީ މިމަހުގެ 15އިން 21އަށް ހުށަހެޅި މައްސަލަތަކުން ހޯދި ފައިސާ

  • މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1050 މައްސަލަ ރިޕޯޓް ކޮށްފައިވޭ

ތަފާތު އެކި މައްސަލަތަކުގައި ވަގަށް ނަގާފައިވާ 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވަނީ، މިމަހުގެ 15 އިން ފެށިގެން 21 އާ ހަމައަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން މި ތަފާސްހިސާބުތަކަށް ބަލާއިރު ހޯދާފައިވާ ފައިސާއަކީ، މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ތަޙުޤީޤުގައި ފުލުހުން އަނބުރާ ހޯދައިދީފައިވާ ފައިސާއެވެ. ޖުމްލަ 619,048ރ. ފުލުހުން ވަނީ ހޯދާފައެވެ.

އެކި ޕޮލިސް ސްޓޭޝަންތަކުން ގެއްލިގެން ރިޕޯޓް ކޮށްފައިވާ ފައިސާގެ އަދަދުތަކަށް ބަލާއިރު ހެންވޭރު ޕޮލިސް ސްޓޭޝަނުން 95،894 ރުފިޔާ، ގަލޮޅު ޕޮލިސް ސްޓޭޝަނުން 173،800 ރުފިޔާ، މާފަންނު ޕޮލިސް ސްޓޭޝަނުން 65،644 ރުފިޔާ އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންތަކުން 283،710 ރުފިޔާ ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަތަކުގައި ފެނިފައިވާ ފައިސާއާއި ތަކެތީގެ އަގުގެ ތެރޭގައި ހިމެނެނީ ރިޕޯޓް ކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހޯދާފައިވާ ނަގުދު ފައިސާއާއި ތަކެތީގެ އަންދާޒީ އަގުތައް ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1050 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ. ތަކެތި ގެއްލިގެން 337 މައްސަލަ އަދި ފޭރުމުގެ 53 މައްސަލަ ވަނީ ހުށަހަޅާފައެވެ.