ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރުކަން ކުރާނެ މީހަކާ މެދު ސުވާލު ކުރުމުން ކޯޗު ހޫލިއަންނ ނާގެލްސްމަނަށް ޖަވާބު ނުދެވިއްޖެއެވެ.
ސްލޮވާކިޔާއާ އަތުން ޖަރުމަނު 6-0އިން އިއްޔެރޭ މޮޅުވި މެޗުގެ ކުރިން ކޯޗު ހޫލިއަން ނާގެލެސްމަން ކުރެން ނޫސްވެރިން އެހީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ގޯލު ބަލަހައްޓާނީ ކާކުތޯ އެވެ؟
ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ކުޅުން ހުއްޓާލުމުން ޖަރުމަނުގެ އެއްވަނަ ކީޕަރަކަށްވީ އޭނާގެ ޑެޕިއުޓީއަކަށް ހުރި މާކް އަންދްރޭ ޓާސްޓެގަން އެވެ. ނަމަވެސް ބާސެލޯނާގެ ކެޕްޓަން ވެސް ކުރަމުންދާ ކީޕަރު މިހާރު އެއްގޮތަކަށް ވެސް މެޗެއް ނުކުޅޭތާ ދޮޅު އަހަރުވަނީ އެވެ.
ޓާސްޓެގަން އަށް އަނިޔާވީ ހުސްވި ސީޒަނުގެ ކުރީކޮޅު އެވެ. އެ އަނިޔާއިން ރަނގަޅުވެގެން މި ސީޒަނުގައި ކުޅެން ތައްޔާރުވިއިރު ބާސެލޯނާއިން ވަނީ އޭނާގެ ބަދަލުގައި ޒުވާން ކީޕަރަކު ގެނެސް ޓީމުގެ ތިން ވަނަ ކީޕަރުކަމުގައި އޭނާ ހަމަޖައްސައިފަ އެވެ. މިކަމާ ރުޅިއައިސްގެން ޓާސްޓެގަން ގަސްތުކުރީ އޭނާގެ އުނގަނޑަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އޮޕަރޭޝަން ކުރުމަށެވެ. މިހާތަނަށް އޮޕަރޭޝަން ނުކޮށް މި އަނިޔާގައި ހުރެ ކުޅެން އުޅުނު ކީޕަރު އެންމެ ފަހުން އޮޕަރޭޝަން ކުރީ ބާސެލޯނާގެ މެނޭޖްމަންޓަށް ޖެއްސުން ކުރުމުގެ ގޮތުންވެސްމެ އެވެ. ނަމަވެސް އޭނާ ނުކުޅެ ހުންނާތީވެ ޖަރުމަނުގެ ގައުމީ ޓީމުގެ އޮފިޝަލުންނާއި އެ ގައުމުގެ ނޫސްވެރިން ކަންބޮޑުވެ އެވެ.
ޓާސްޓެގަން ނެތުމުން އެއްވަނަ ކީޕަރުކަން ކުރަނީ ހޮފެންހެއިމްގެ ކީޕަރު އޮލިވަރ ބައުމަން އެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ވަނަ ނުދީފަ އެވެ.
ނަމަވެސް ނޫސްވެރިން ސުވާލު ކުރުމުން ނާގެލްސްމަން ބުނީ ގޯލަށް ކުޅޭނެ ކީޕަރަކު ނިންމާނީ އޭނާ އެކަނި ނޫން ކަމަށެވެ.
"ތިއީ ފަސޭހަ ކަމެއް ނޫން. އަހަރެން މިވަގުތު ވަރަށް ހިތްހަމަޖެހޭ ބައުމަން ދައްކާ ކުޅުމާމެދު. އޭނާ ދަނީ މޮޅަށް ކުޅެމުން. މި ގޮތުގައި އޭނާ ހިފަހައްޓައިފިނަމަ އޭނާ އަށް ގިނަ ފައިދާތަކެއް ކުރާނެ. ދެން އެއްވަނަ ކީޕަރު ނިންމާނީ އަހަރެން އެކަންޏެއްނޫން. އެކަން ނިންމާނީ ގޯލްކީޕަރު ކޯޗު ވެސްމެ. އަދި އެއީ ވަރަށް ގިނަ ހަގީގަތްތަކަކާއެކު ނިންމާނެ ނިންމުމެއް،" ނާގެލްސްމަން ބުންޏެވެ.
ޓާސްޓެގަން އަށް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ޖަރުމަނުގެ ގައުމީ ޓީމުގެ އަންގި އޭނާ އަށް ދިނުމުގެ ބޭނުމެއްނެތް ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ. އަދި ކުރީގެ ކޯޗު މެނުއަލް ނޯޔާ އަލުން ގައުމީ ޓީމަށް ގެނައުމަށް ގޮވާލާ މީހުން ވެސް ދަނީ ގިނަވަމުންނެވެ. ސަބަބަކީ ބައުމަންގެ ތަޖުރިބާ މަދުވުމާއި ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކަށްދާއިރު ޖަރުމަނުގެ ގޯލުގައި ތަޖުރިބާކާރަކު ހުރުން މުހިންމުވާތީ އެވެ.