ޚަބަރު

ސެކްޓަރ ލީގުގެ ޗެމްޕިއަންކަން އެރީނާ ހޮޓެލްސްއަށް


  • އެރީނާއިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ހޯކްސް ބަލިކޮށްގެން

  • ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް އުމެއިރު މުޙައްމަދު

ކްލަބް މޯލްޑިވްސްއިން ޕްރައިވެޓް ކުންފުނިތަކަށް ޚާއްސަކޮށް މުޅިން އަލަށް ބޭއްވި މައިލޯ ސެކްޓަރ ލީގުގެ ޗެމްޕިއަންކަން އެރީނާ ހޮޓެލްސްއިން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ހޯކްސް ބަލިކޮށްގެންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ކުރިން ވަނީ ކުޑަ ކުދިންގެ ޚާއްސަ ފުޓްސަލް މެޗެއް ކުޅެފައެވެ. 14 އަހަރުން ދަށަށް ޚާއްސަކޮށްގެން ކުޅުނު މި މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ސޮކަރ މޭޓްސް އާއި ސްޓަރ އެކެޑަމީއެވެ. މި މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެސް މޭޓްސްއިންނެވެ.

ރޭ ކުޅުނު ސެކްޓަރ ލީގުގެ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެރީނާއަށް ކާމިޔާބުކޮށްދިނީ ޔޫސުފް އުމެއިރު މުޙައްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެރީނާގެ ހަސަން ލައުހެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޓޭޓް ބެންކް އޮފް އިންޑިއާގެ އަބްދުﷲ ތަހުޝީންއެވެ. އަދި ބެސްޓް ސަޕޯޓިން ޓީމަކަށް އާރްއާރްސީ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެރީނާގެ ނަސީހު މުޙައްމަދެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް މޯލްޑިވްސް އިސްލާމިކް ބެންކުގެ މުޙައްމަދު ހާނިމް ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ އެރީނާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެރީނާގެ ލައުހް އާއި، އަޙްމަދު ޝަމާލް އާއި، އެ ޓީމުގެ ގޯލްކީޕަރު ސަމާހު ޝާދީގެ އިތުރުން ހޯކްސްގެ ޒަނަރަބެކް އާއި މުޙައްމަދު ނާއިމެވެ. މީގެ ތެރެއިން ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ އެރީނާގެ ޝަމާލެވެ.

މުޅިން އަލަށް ބޭއްވި މައިލޯ ސެކްޓަރ ލީގުގެ ޗެމްޕިއަންކަން އެރީނާއިން ހޯދިއިރު، މި އަހަރު ކްލަބް މޯލްޑިވްސްއިން ވަނީ ޖުމްލަ ހަ މުބާރާތެއް ކާމިޔާބުކަމާއެކު ބާއްވާފައެވެ.