ޚަބަރު

ފައިނަލާ ހަމައަށް ދެވުނީ ހިތްވަރު އެލުވާނުލާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން: އިރުފާ


  • ބިލީ ޖީން ކިންގް ކަޕްގައި ފަހަރަށް މި މުބާރާތުގެ ފައިނަލަށް ދެވުމަކީ ކުޅުންތެރިން ހިތްވަރު އެލުވާނުލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ވިއެޓްނާމުގައި ނިމިގެން ދިޔަ އަންހެނުން ޓެނިސް ވޯލްޑް ކަޕް ބިލީ ޖީން ކިންގް ކަޕް 2025 ގެ ރަނަރަޕްކަން ހޯދި ގައުމީ އަންހެން ޓެނިސް ޓީމުން ކުރި ހިތްވަރަކީ ވަރަށް ފަހުރުވެރިވާ ކަމެއްކަމަށާއި، މިއީ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތް ކަމަށް އަންހެން ޓެނިސް ޓީމުގެ ކެޕްޓަން އައިމިނަތު އިރުފާ މާހިރު ބުނެފިއެވެ.

އިރުފާ ބުނީ ފައިނަލްގައި ބަލިވިނަމަވެސް ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް ދެވުމަކީ ކުޅުންތެރިން ހިތްވަރު އެލުވާނުލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ހިތްވަރު އެލޭ އަދި ދެރަވާ ކިތަންމެ ވަގުތެއް އައިކަމަށާއި އެހެންނަމަވެސް ކުޅުންތެރިންނަށް ހިތްވަރު ދެމުން ދިޔައީ ދޫ ނުދީ ކުރިޔަށް ދިއުމަށް ކަމަށް އިރުފާ ފާހަގަކުރިއެވެ.

"ވަރަށް ވަރުގަދަ ޓީމުތައް 3-0 ން ބަލިކޮށްފަ ފައިނަލްގައި ކުޅެފައި ޑިސައިޑިން މެޗުން 2-1 އިން ބަލިވި ނަމަވެސް ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. ވަރަށް ބުރަ މަސައްކަތް ކޮށްގެން މި ހިސާބަށް އާދެވުނީ. ވަރަށް ޓައިޓް މެޗުތަކެއް، އެކަމަކު އެކުދިންގެ ހތްވަރު ފެނިގެން މިދިޔައީ. ވަރަށް ހިތްވަރު އެލޭ ވަގުތުވެސް އާދޭ ކޮންފިޑެންސް ގެއްލޭ ވަގުތުތައްވެސް އާދޭ" އިރުފާ ބުންޏެވެ.

އިރުފާ ބުނީ މި މުބާރާތަށް ވިއެޓްނާމަށް ދިއުމަށްފަހު ފުރަތަމަ ޖޭ 30 މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބުމަކީ ބިލީ ޖީން ކިންގް ކަޕްގައި ފައިނަލާހަމަށް ދާން ކުދިންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އެގޮތުން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖޭ 30 މުބާރާތެއްގައި ބައިވެރިވެވުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

މި މުބާރާތުގައި މީގެ ކުރިންވެސް ރާއްޖެ ތަމްސީލުކޮށްދީ ބައިނަލްއަގްވާމީ ކާމިޔާބީތައް ހޯދަމުން އަންނަ ރާއްޖޭގެ އާރާ އާސަލް އާޒިމް ބުނީ ފައިނަލާ ހަމައަށް ދެވުނީ މުޅި ޓީމުގެ ވަރަށް ބުރަމަސައްކަތުން ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކޮށް ބަލިވިނަމަވެސް މި މުބާރާތުން ރަނގަޅު ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ.

އެކި ސްޓައިލްގެ ކުޅުންތެރިންނާ ވާދަކޮށް އެކި ގައުމުތަކުގެ ޗެމްޕިއަނުންގެ ކުޅުމުގެ ވައްޓަފާޅިއާއި ޓެކްޓިކްސްއަށް ރާއްޖޭގެ ކުޅުންތެރިން ހޭނުމަށް މި މުބާރާތް އެހީތެރިވެދިން އިރު އަރަމުން އަންނަ ކުޅުންތެރިޔާ ނަބާ ނިޝާން ބުނީ މިއީ އޭނާ މިމުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އަދި ފުރަތަމަ ބިލީޖީޏް ކިންގްކަޕްގައި ފައިނަލުގައި ކުޅެން ލިބުމަކީ ކާމިޔާބީއެއް ކަމަށާއި، މި ފަހަރު ރަނަރަޕްކަން ލިބުމަށް އިރާދުކުރެއްވިއްޔާ އަންނަ އަހަރު މި މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ނަބާ ފާހަގަކުރިއެވެ.

"މިއީ ބިލީ ޖީން ކިންގް ކަޕްގައި އަޅުގަނޑު ކުޅުނު ފުރަތަމަ ޓޯނަމަންޓް، ފައިނަލަށް ދެވުނީމަ ވަރަށް އުފާވޭ. ފައިނަލަށް ދެވިފަ ބަލިވީމަ ވަރަށް ދެރަވޭ. އެހެންނަމަވެސް އަޅުގަނޑުމެން ޓީމު އެއްކޮށް ކުރި މަސައްކަތާއި މެދު ވަރަށް އުފާވޭ. އިންޝާﷲ ދެން އަންނަ އަހަރު ކާމިޔާބުވާނެ، ގުރޫޕުގެ 2 ވަނައަށް ރާއްޖެއަށް ޕްރޮމޯޓް ވެވޭނެ" ނަބާ ބުންޏެވެ.

އެހެން މުބާރާތްތަކާއި ހިލާފަށް ވަރަށް ބޮޑަށް ޓީމެއް ގޮތަށް ރާއްޖޭއިން މަސައްކަތް ކުރި މި މުބާރާތުގައި ވާދަކުރި ޓީމުގައި އާރާ އާއި ނަބާގެ އިތުރުން ހިމެނެނީ އައިޝަތު ކަރިން ސައިޒާން އާއި، ނަޔާރާ އުސާމާ އަލީއެވެ. އެ ދެކުޅުންތެރިންވެސް ވަނީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށް ގިނަ ކަންތައްތަކެއް ދަސްކޮށްފައެވެ.

ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ މިއީ ޓެނިހުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި މެދު އެސޯސިއޭޝަނުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި މި ކުޅުންތެރިންނާއި ރާއްޖޭގެ ޓެނިހަށް އިތުރު ކާމީޔާބީ ހޯދައިދިނުމަށް އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގައި ޓެނިސް ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔަ އެންމެ ރަނގަޅު ބައިނަލްއަގްވާމީ ތަޖުރިބާއަކީ މިއަހަރު ރާއްޖޭގައި ބޭއްވުނު އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ އައިޓީއެފް ޖޭ 30 އާއި އޭޓީއެފް މުބާރާތްތައް ރާއްޖޭގައި ބޭއްވުމެވެ. މިއީ އެސޯސިއޭޝަނުން ދިވެހި ކުޅުންތެރިންގެ ކުރިއެރުމަށް އަދި ކުރިޔަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމަށް ހޯދައިދިން މުހިންމު ފުރުސަތެކެވެ.