އަދަބަށް ނުކިޔަމަންތެރިވުމުން ޕެނަމާ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް، މެނުއަލް އަރިއާސް ފީފާއިން ސަސްޕެންޑްކޮށްފިއެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން އޭނާ ސަސްޕެންޑް ކުރީ ޕެނަމާގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާ މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑް ކުރުމުން އެ އަދަބަށް ބޯނުލަނބުމުގެ ސަބަބުންނެވެ. އަދި ފީފާއިން ވަނީ އޭނާގެ އަދަބު ތަންފީޒުކޮށް، އަމިއްލަ އަށް މިނިވަންވެގެން އުޅުމުން ފުޓްބޯޅަ ފެޑަރޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުންނަށް ވެސް ފިޔަވަޅު އަޅާފަ އެވެ. މި ގޮތުން އެ ކޮމިޓީގެ މެމްބަރުން ވަނީ 25000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
އަރިއާސް ސަސްޕެންޑް ކުރީ ގައުމީ އަންހެން ޓީމުގެ އިންތިޒާމްތަކާ ބެހޭ ގޮތުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މާޓާކޮށް ފާޑުކިއުމުން އޭނާގާ ޒާތާބެހި ފުރައްސާރަ ކުރުމުންނެވެ. މި ގޮތުން އަރިއާސް ބުނެފައިވަނީ އަންހެން ކުޅުންތެރިޔާ މާފަލަ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ މިކަމަށް މައާފަށް އެދިފަ އެވެ. ބުނީ އޭނާ ދެއްކި ވާހަކަތަކަކީ ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އަރިއާސް ސަސްޕެންޑް ކުރި ނަމަވެސް މި އަދަބު އޭނާ އަށް ކާސްގައި އިސްތިއުނާފު ކުރެވޭނެ އެވެ.
މިވަގުތު އޭނާ އަށް ދީފައިވާ އަދަބުން މިނިވަންވާނީ އަންނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައިވަނިކޮށެވެ. ނަމަވެސް މިއަދަބުގެ ސަބަބުން ޕެނަމާގެ ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތުގައި އޭނާ އަށް ޕެނަމާ ތަމްސީލެއް ނުކުރެވޭނެ އެވެ. އޭނާގެ ބަދަލުގައި ކުރިއަށް އޮތް ހަ މަސް ދުވަހު ފެޑަރޭޝަން ހިންގާ ނާއިބް ރައީސެވެ.