ޚަބަރު

ރޯވީ ބައު އިމާރާތުގައި، ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: ފެނަކަ


  • ރޯވި އިމާރާތުގައި ދެ އިންޖީނު ބަހައްޓާފައިވޭ

  • އިމާރާތުގައި ހުރި 1 އިންޖީނު މިހާރު ވަނީ ހިންގާފައި

ލ.ގަމުގައި އަލިފާނުގެ ޙާދިސާ ހިނގީ ސެންޓްރަލް ޕަވަރ ހައުސްގެ ބާ އިމާރާތުގައިކަމަށާއި، ގެއްލުންވި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ބަންދުގައި ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ގަމުގެ ސެންޓްރަލް ޕަވަރ ހައުސްގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެއެވެ. މި ހާދިސާގައި ރޯވި، އިންޖީނުގޭގެ ބާ އިމާރާތުގައި 2 އިންޖީނު ހިންގަމުން އާދެއެވެ. ގަމު ސެންޓްރަލް ޕަވަރ ހައުސްގައި ޖުމްލަ 5 އިންޖީނު ބޭނުންކުރަމުން އާދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ނަޖާޙު ވިދާޅުވީ، 2 އިންޖީނުގެ ތެރެއިން 1 އިންޖީނަށް ގެއްލުން ނުވާކަމަށެވެ.

ދެވަނަ އިންޖީނަށްވެސް ލިބިފައިވަނީ ކުދިކުދި ގެއްލުންތަކެއްކަމަށާއި، އެކަންވެސް މިހާރު ގާތްގަޑަކަށް ޙައްލުކޮށްފައިވާކަމަށެވެ. ނަޖާހު ވިދާޅުވީ، އަލިފާން ބޮޑަށް ހިފާފައިވަނީ އިމާރާތުގައިކަމަށާއި، އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް ވަގުތީގޮތުން ބައެއް މަރާމާތުތައް ކޮށް، އިންޖީނުތައް ރައްކާތެރިކޮށްފައިވާކަމަށެވެ.

ނަޖާހު ވިދާޅުވީ ހަލާކުވި އިމާރާތް ހުރި ތަނުގައި މުޅިން އައު އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިހަފްތާ ބަންދުގައި ފެނަކައިގެ އިތުރު ޓީމްތައް ގޮސް، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެ މަސައްކަތް ނިންމާނެކަމަށް ނަޖާހު ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް ކޭބަލްތަކަށްވެސްވަނީ ގެއްލުންވެފައިވާކަމަށާއި، ހަލާކުވި ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިވަގުތަށް ކަރަންޓު ފޯރުކޮށްދިނުމަށް އެއްވެސް މައްސަލައެއް ނެތްކަމަށް ނަޖާހު ވިދާޅުވިއެވެ.

އިއްޔެ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، 3 އަވަށަކުން ކަރަންޓު ކެނޑުނު ނަމަވެސް ރޭގެ ވަގުތެއްގައި ވަނީ ހުރިހާ ހިސާބުތަކަށްވެސް ކަރަންޓު ދީފައެވެ.

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ ކުރަމުންނެވެ.