ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޝަނުން ވީއްލި، ޤައުމީ ޙައިސިއްޔަތު އިޔާދަވެއްޖެ


  • ބީއޭއެމްގެ ޤައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގައިފައިވަނީ 2025 އޭޕްރިލް 30 ވަނަ ދުވަހު

  • ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު

  • ބީޑަބްލިއުއެފްއިން ރާއްޖެ ސަސްޕެންޑުކުރީ 2025 މޭ މަހުގެ 16 ވަނަ ދުވަހު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިބައިން ވަގުތީ ގޮތުން ނަގައިފައިވާ ޤައުމީ ޙައިސިއްޔަތު އިޔާދަކޮށް، އެއެސޯސިއޭޝަނަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން އަޅައިފައިވާ ސަސްޕެންޝަނުގެ އަބަދުން ވީއްލިއްޖެއެވެ.

ބީއޭއެމްގެ ޤައުމީ ހައިސިއްޔަތު ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ނަގައިފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުއެވެ. ބީއޭއެމްއާ މެދު މި ފިޔަވަޅު އަޅައިފައިވަނީ އެއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އާއި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު ކޮމިޝަނަރ އޮފް ސްޕޯޓްސްއިންނެވެ. އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއަދަބާ ގުޅިގެން އެ ފެޑެރޭޝަނުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެތުލީޓުންނަށް ވަގުތީ ގޮތުން ގެއްލިގެންދިޔައެވެ. އެހެންނަމަވެސް ރާއްޖެއިން މިކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގެ ދަށުން އެފެޑެރޭޝަނުން ވަނީ ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް އޭރު ހަމަޖައްސައިދީފައެވެ.

ބީއޭއެމްއާ މެދު އެއިރު އެޅި ފިޔަވަޅާއެކު އެއެސޯސިއޭޝަނަށް އަންގައިފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ބެޑްމިންޓަން ވާރލްޑް ފެޑެރޭޝަންގެ ބައިވެރިވުމާއެކު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. އެހެންކަމުން މިކަންކަމަށް ރިޢާޔަތްކޮށް ބީއޭއެމްއިން ވަނީ އެއެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދަށް ގެންނަންޖެހޭ ބަދަލުތައް މިދިޔަ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހު ގެނެސް، އެމަހުގެ 22 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކޮށްފައެވެ.

އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްފަހު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެއަށް ދީފައިވާ ސަސްޕެންޝަނުން ވީއްލިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ބީއޭއެމް އަލުން ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ކަނޑައެޅިކަން ކުޅިވަރު ވުޒާރާއިން އިއުލާންކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

އެހެންކަމުން ބީއޭއެމްއިން މިކަންކަން އިސްލާހުކުރުމުން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން މިހާރުވަނީ އެ އެސޯސިއޭޝަންގެ ކިބައިން ވަގުތީ ގޮތުން ނަގައިފައިވާ ޤައުމީ ޙައިސިއްޔަތު އަލުން އިޔާދަކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ކުރިއެކޭވެސް އެއްގޮތަށް ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއް ކަމުގައި މިހާރު ކަނޑައަޅައިފައެވެ. އަދި ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެއަށް ދީފައިވާ ސަސްޕެންޝަނުގެ އަދަބުން މިހާރު ސަލާމަތްވެފަވާއިރު ބީއޭއެމްއަކީ އެފެޑެރޭޝަނުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އަލުން ވަނީ ރަސްމީކޮށް ކަނޑައަޅައި އިއުލާންކޮށްފައެވެ.