ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާއަށް 478 މީހުން ތަމްރީނުކޮށްފި


  • ހައިޑްރޮޕޯނިކްސް ޓްރެއިނިން ދިނުމާއި ގްރީން ހައުސްގައި ދަނޑުވެރިކަން ކުރުމަށް ބާރުއެޅުން

  • 28 ރަށެއްގެ ދަނޑުވެރިންނަށް ތަމްރީނު ދީފައިވޭ

ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެކި ޕްރޮގްރާމްތަކުން ފާއިތުވި 2 އަހަރު ތެރޭގައި 478 ދަނޑުވެރިން ތަމްރީނުކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިންނަށް އިލްމީ ގޮތުންނާއި އަމަލީ ގޮތުން ތަޖުރިބާ ހޯދާދިނުމަށް އެ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެއެވެ.

މިގޮތުން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހައިޑްރޮޕޯނިކްސް ޓްރެއިނިން ދިނުމާއި ގްރީން ހައުސްގައި ދަނޑުވެރިކަން ކުރުމާއި މީގެ އިތުރުންވެސް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތުތައް އެ ވުޒާރާއިން ދަނީ ފޯރުކޮށްދެމުންނެއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ 28 ރަށަކުން 478 ދަނޑުވެރިން ތަމްރީނު ކުރެވިފާއިވާކަމަށެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗައް އަގުއެއްކޮށްގެން ޕްރޮސެސްކުރުމަށްވެސް ދަނޑުވެރިންނަށް މައުލޫމާތު ދެމުންނެއެވެ. ދަނޑުވެރިން އުފައްދާ މޭވާ ތަރުކާރީ ފަދަ ބާވަތްތައް އޭގެ އަސާސީ ގޮތުގައި ވިއްކުމުގެ ބަދަލުގައި އެތަކެތިން ތަފާތު ބާވައްތައް އުފެއްދުމަށް ދަނޑުވެރިނަށް ދަނީ ކިޔާ ދެމުންނެއެވެ. ޖޫސް، ޖޭމް، ހިއްކި މޭވާ/ ތަރުކާރީ އަދި އެހެނިހެން ކާބީތަކެތި ތައްޔާރުކޮށް ވިއްކުމަށް ދަނޑުވެރިނަށް ވަނީ ކިޔާދީފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިކަމުގެ ސަބަބުން އުފެއްދުންތައް ހަލާކުނުވެ ހުންނަ މުއްދަތު އިތުރުނުވެ ދަނޑުވެރިންނަށް ލިބޭ މާލީ މަންފާ އިތުރުވެގެންދާނެކަމަށެވެ.