ޚަބަރު

އިންޑިގޯގެ ޕައިލެޓުންގެ މައްސަލަ ހައްލުނުވެ، މުޅި އިންޑިޔާގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައި


އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ ޕައިލެޓުންނާ ގުޅިގެން ދިމާވެފައިވާ މައްސަލަ ހައްލުނުކުރެވި، ހަތަރު ވަނަ ދުވަހަށް އަޅާފައިވާއިރު، އެ އެއާލައިންގެ 500 އަށް ވުރެ ގިނަ އުދުހުންތައް ކެންސަލްކުރަންޖެހުމުގެ ސަބަބުން، މުޅި އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައިފިއެވެ.

މި މައްސަލަ ފެންމަތިވީ، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފެށުމާ ގުޅިގެން، އެއާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި އިންޑިގޯ ފޭލުވުމުންނެވެ.

ނަމަވެސް، އިންޑިގޯއަށް މި އައު ޤަވާއިދަށް ޢަމަލުކުރުމުގައި ލުއިތަކެއް ދޭނެކަމުގެ އިޝާރާތެއް ކަމާގުޅޭ އިދާރާތަކުން ދިނުމާގުޅިގެން، މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެކަމުގެ އުއްމީދު ވަނީ އައުވެފައެވެ.

މި ކަމާ ގުޅިގެން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ތާށިވެފައި ވަނީ ވެރިރަށް ނިއު ދެއްލީގެ އިތުރުން މުމްބާއީ، ހައިދަރްއާބާދު، ޕޫނޭ އަދި ބެންގަލޫރުގެ ވައިގެ ބަނދަރުތަކުގައެވެ.

އުދުހުންތައް ކެންސަލް ކުރަން ޖެހި، އެތަކެއް ހާސް ފަސިންޖަރުންގެ ދަތުރަށް ހުރަސް އެޅުމުން، އިންޑިގޯގެ ގިނަ ފަސިންޖަރުންތަކެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ %60 ހިއްސާ ކުރަނީ އިންޑިގޯންނެވެ.