ޚަބަރު

ޠާލިބާން ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އޮސްޓްރޭލިޔާއިން ފިޔަވަޅު އަޅައިފި


އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރުގެ އިސް ހަތަރު އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަން އޮސްޓްރޭލިޔާއިން ހާމަކޮށްފިއެވެ. މި ކަން ހާމަ ކުރައްވަމުން އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ، ޠާލިބާނުންގެ ހަތަރު އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ، އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، އެ މީހުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާތީ ކަމުގައެވެ. އަދި، ޤާނޫނީ ވެރިކަން ނެގެހެއްޓުމަށް ހުރަސް އަޅަމުންދާތީ ކަމުގައެވެ.

ޠާލިބާނުންގެ ހަތަރު އޮފިޝަލަކާ ދެކޮޅަށް އޮސްޓްރޭލިޔާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މާލީ ގޮތުން ދަތިކުރުމުގެ ގޮތުން އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި މާލީ މުޢާމަލާތު ހިންގުމަށް ހުރަސް އެޅުމުގެ އިތުރުން، ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުން ހިމެނެއެެވެ. މި ފިޔަވަޅުތަކާ އެކު، އެ ހަތަރު އޮފިޝަލުންނަށް އޮސްޓްރޭލިޔާއަށް އެރުން މަނާވާނެއެވެ. އޮސްޓްރޭލިޔާއިން ފިޔަވަޅު އަޅާފައި ވަނީ ޠާލިބާން ސަރުކާރުގެ ތިން ވަޒީރަކާއި އުއްތަމަ ފަނޑިޔާރާ ދެކޮޅަށެވެ.

ޠާލިބާން ސަރުކާރުގެ އިސް އޮފިޝަލުންތަކަކާ ދެކޮޅަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ފައުޖުތަކުން ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. ދެ ފަރާތުގެ ދެމެދުގައި އަލުން ޙަމަލާ ބަދަލު ކުރަން ފަށާފައި މި ވަނީ، ޙަމަލާތައް މެދުކަނޑައިލައި، ދެެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެންމެ ފަހުން ބޭއްވި ބައްދަލުވުންތައް ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތައް ބާއްވާފައި ވަނީ ހުސްވި ހަފުތާ ބަންދުގައެވެ.

ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލު ކުރަމުންދާ ކަން ދެ ޤައުމުގެ އޮފިޝަލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޑިސެންބަރު 5ން ފެށިގެން ބަދަލު ކުރަމުންދާ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ޠާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޛަބީޙުﷲ މުޖާހިދު ބުނީ، ޕާކިސްތާންގެ ފައުޖުތަކުން އަފްޣާނިސްތާނުގެ ކެންދަހާރު ޕުރޮވިންސުގެ ސްޕީން ބުލްދާކް ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު މުޝައްރަފް ޛަޔިދީ ވިދާޅުވީ، އިސްވެ ޕާކިސްތާންގެ ޗަމަން ސަރަޙައްދަށް ޙަމަލާ ދޭން ފަށާފައި ވަނީ ޠާލިބާނުން ކަމުގައެވެ. އަދި، ޕާކިސްތާންގެ ސިޔާދަތީ މިނިވަންކަމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނާއި ޠާލިބާނުންގެ ސަރުކާރާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެންމެ ފަހުން މަޝްވަރާތައް ބާއްވާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރު އަދި ތުރުކީވިލާތް ގުޅިގެންނެވެ. ސަޢޫދީ ޢަރަބިއްޔާގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް ނިމިގެން ދިޔައީ ބޮޑެތި ކުރިއެރުންތަކެއް ނުލިބިއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފައެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ޕާކިސްތާނާއި އަފްޣާނިސްތާނުގެ ފައުޖުތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ. ޕާކިސްތާނުން ބުނަމުން ދަނީ، އެ ޤައުމަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ ޠާލިބާނުންނަށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާޢަތްތައް ކަމުގައެވެ. އަދި، ކާބުލްގެ ސަރުކާރުން އެ ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނަށް ޙިމާޔަތް ދެމުންދާ ކަމުގައެވެ. ނަމަވެސް، ކާބުލުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.