ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އިންސާފާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ، ތައްޔާރަށް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޤަތަރުގައި ކުރިޔަށްދާ ދޯހާ 2025 ފޯރަމްއާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އަހަރުގެ ފޯރަމްގެ މަޢުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ޖަސްޓިސް އިން އެކްޝަން: ބިޔޯންޑް ޕްރޮމިސަސް ޓު ޕްރޮގްރެސް" މި މަޢުޟޫއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ، އެކި ދާއިރާތަކުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒީ މަރުޚަލާއަށް ގެނެސް އެކަން ކަމަށް ޢަމަލީ ސިފަ ގެނައުމުގެ މައްޗަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައިވެސް މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މި ފޯރަމްގެ ޒަރިއްޔާއިން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކަށް ބައްދަލުވުންތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޤައުމުތަކުގެ ވެރިންނާއި، ވަޒީރުންނާއި، ލީޑަރުން އަދި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން، 150 ޤައުމަކުން ބައިވެރިވެއެވެ.
Attended the opening of the Doha Forum 2025 in Qatar.
— Abdulla Khaleel (@abkhaleel) December 6, 2025
This year’s 23rd edition brings together leaders, ministers, and global experts to discuss the most pressing challenges facing our world today.
The Maldives remains committed to constructive dialogue, multilateral… pic.twitter.com/zBK3xmbg7q
މިފަހަރުގެ ފޯރަމްގައިވެސް ޤައުމުތަކުގެ މެދުގައި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމާއި، އިންސާނީ ޙައްޤުތަކާއި، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކަށް އަހުލުވެރިވުމާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކުރިއެވެ.
2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދޯހާ ފޯރަމަކީ، ދުނިޔެއަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ޙައްލުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފޯރަމެކެވެ.
މިއީ، 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެކެވެ.