ތަރައްްޤީ

ޔޫކޭގައި ދޭ ފަތުރުވެރިކަމުގެ އެންމެ ޚާއްޞަ އެއް އެވޯޑް ރާއްޖެއަށް


އިނިގިރޭސިވިލާތުގައި ދޭ ފަތުރުވެރިކަމުގެ އެންމެ ޚާއްޞަ އެއް އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ކޮންޑެ ނާސްޓް ޓްރެވަލަރ ރީޑާރސް ޓްރެވަލް އެވޯޑްސްގެ ނަމުގައި ދެވޭ މި އެވޯޑްގައި ރާއްޖެއަށް ލިބިފައިވަނީ "ބެސްޓް އައިލެންޑް" ކެޓަގަރީގެ އެވޯޑެކެވެ. ބެސްޓް އައިލެންޑް އެވޯޑަކީ އެންމެ ރީތި ޖަޒީރާ ރަށަށް ދޭ އެވޯޑެކެވެ.

tw:https://twitter.com/OOreethirah/status/770966810942328832

މިއަހަރުގެ ކޮންޑެ ނާސްޓް ޓްރެވަލަރ ރީޑާސް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ވަނީ 3 ކެޓަގަރީއަކުން 3 އެވޯޑެއް ލިބިފައެވެ. އެއީ ބެސްޓް އައިލެންޑް އެވޯޑާއި، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވަން އެންޑް އޮންލީ ރީތި ރަށަށް ލިބުނު، ބެސްޓް ހޮޓެލް ސްޕާ އެވޯޑެވެ. މީގެއިތުރުން މެދުއިރުމައްޗާއި، އެފްރިކާ އަދި އިންޑިއާ ކަނޑުގެ ހޮޓެލްތަކުގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާ ހޮޓެލްގެ ކެޓަގަރީއިން ދެވަނަ، ވަން އެންޑް އޮންލީ ރީތި ރަށަށް ވަނީ ލިބިފައެވެ.

ރީޑާސް ޓްރެވަލް އެވޯޑަކީ، ކޮންޑެ ނާސްޓް ޓްރެވަލަރ މަޖައްލާގެ ކިއުންތެރިންގެ ވޯޓްގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒްކޮށްގެން ނެރޭ ކޮންޑެނާސްޓް ޓްރެވަލަރއަކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ މަޖައްލާއެކެވެ. ރީޑާރސް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އެވޯޑާ ޙަވާލުވެވަޑައިގަތީ ރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަޙުމަދު ޝިއާންއެވެ.

tw:https://twitter.com/OOreethirah/status/770967070875918336

ރާއްޖެއަށް ލިބުނު މި އެވޯޑާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް މި ލިބުނު އެވޯޑަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ގުޅިގެން، އެ ޤައުމުގައި ރާއްޖެ އިޝްތިހާރުކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމުގައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ތަފާސް ހިސާބްތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދިހައެއް އިންސައްތަ އިތުރު އަދަދެކެވެ.