ކުޅިވަރު

އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް މިއަންނަ މަހުގެ ފަހަކަށް


އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. 

ނެޓްބޯޅަ އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކެއް އެދެމުންދާތީ އަދި އެކަމަށް ލިބެމުންދާ ތަރުހީބަށް ބަލާފަކަމަށެވެ.  މިމުބާރާތް ކުރިއަށްދާނީ 2 ޑިވިޝަންއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ މިދިޔަ އަހަރު އޮފީސް ކުންފުނިތަކުގެ މުބާރާތުގައި ވާދަކޮށްފައިވާ ޓީމްތަކުގެ ތެރެއިން އެންމެ ގަދަ 4 ޓީމެވެ. އަދި އެހެން ޓީމްތަށް ވާދަކުރާނީ 2ވަނަ ޑިވިޝަންގައެވެ. މިދިޔަ އަހަރުގެ އޮފީސް ކުންފުނިތަކުގެ އެންމެ މޮޅު 4 ޓީމްއަކީ މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ބެންކް އޮފް މޯލްޑިވްސްއެވެ.

2ވަނަ ޑިވިޝަންގެ އެންމެ ގަދަ ހަތަރު ޓީމް ކޮލިފައިވަނީ ފުރަތަމަ ޑިވިޝަންއަށްކަމަށްވެސް ނެޓްބޯޅަ އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. ނެޓްބޯޅަ އޮފީސް ކުންފުނިތަކުގެ މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 19ވަނަ ދުވަހުއެވެ.