ޚަބަރު

ފަހު ވަގުތު ގްރީން ބަލިކޮށް މާޒިޔާއިން ރިކޯޑު ދަމަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވި މާޒިޔާއިން ވަނީ އެ ބުރުގައި ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ލީގުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އަތުން މިއަދު މާޒިޔާއަށް ލިބުނީ އުނދަގޫ މޮޅެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ކުރިއަށް ޖެހިގެން ގިނަ އެޓޭކުތަކެއް ފޮނުވާލިއިރު، އެ ޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އާއި ނާއިޒް ހަސަން ފޮނުވާލި ހަމަލާތައް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ނައިޖީރިއާގެ އޯޖޯ ވަނީ ހުއްޓުވާފައެވެ. ގްރީން ސްޓްރީޓްސްއިން ކައުންޓަރ އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ފުލްބެކް ހައިޝަމް ހަސަން ނެގި ހުރަހަކުން އޭރިއާ ތެރެއިން މި ލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ މެންޑީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާއިން ލީޑު ނެގިއިރު، އެ ޓީމުގެ އަޙްމަދު އައިހަމް ނެގި ކޯނަރަކުން ސާޖިއޯ މެންޑީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޯޖޯ އަތުގައި ޖެހިފައެވެ.

މި މޮޅާ އެކު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުންވެސް މޮޅުވެ 30 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް 10 މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.