އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނޭޕާލުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ދީޕާ ޝާހީގެ ފަސް ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު މޮޅެއް ހޯދައި، ލީގު ހޯދުމުގެ ރޭހަށް ވަދެއްޖެއެވެ. ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މާޒިޔާ ހޯދި ބޮޑު މޮޅާއެކު އެ ޓީމު ލީގު ހޯދުމުގެ ރޭހަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިގެންނެވެ. ތާވަލުގެ ކުރީގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 7 ޕޮއިންޓާއެކުވެ. އޮޑިއަށް ކުރި ލިބެނީ މާޒިޔާއަށް ވުރެ ފައިދާ ދެ ލަނޑު އިތުރުވެގެންނެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ މާޒިޔާގެ ބިދޭސީ ދެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މަޒިޔާއިން މުޅި މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ ޓީސީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މާޒިޔާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ 6 ވަނަ މިނެޓުގައި ޓީސީގެ ފާތުމަތު ތާނީ ލަތީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާޒިޔާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 14 ވަނަ މިނެޓުގައި ދީޕާ ދިން ބޯޅައެއް އައިޝަތު ސަމާ ގޯލަށް ވައްދައި ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ތިންވަނަ ލަނޑު ދީޕާ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރެއް މެޗު 40 ވަނަ މިނެޓުގައި ދީޕާ ކާމިޔާބުކޮށްދިން ލަނޑާއެކު މާޒިޔާއިން ހަތަރުވަނަ ލަނޑު ޖެހިއިރު، އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާ ފަސްވަނަ ލަނޑު ޖެހީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕައުޑެލްއެވެ.
މެޗުގައި ޖެހިގެން އައި ދެ މިނެޓުގައި ރޭކާ އާއީ ދީޕާގެ ލަނޑުތަކުން މާޒިޔާ 6 ވަނަ ލަނޑާއި 7 ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މާޒިޔާއިން ޖެހި 8 ވަނަ ލަނޑަކީ ފާތުމަތު އިނާޔާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މާޒިޔާގެ ފަހު ދެ ލަނޑު އެ ޓީމަށް މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ދީޕާއެވެ.