ޚަބަރު

މަސްވެރިންގެ ޢީދު ފާހަގަކުރަނީ މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށް ފަހު


  • މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށިފަހުން 900 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

  • މަސްވެރިންގެ ދަފްތަރު އެކުލަވާލާ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހަދައިފި

  • މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް 2027 ނިޔަލަށް ހައްލުކުރެވޭނެ

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމުގައި ދިވެހިން އަބަދުވެސް ދެކެމުން އައި ސިނާޢަތެކެވެ. ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އެކަށީގެންވާ މަސައްކަތެއް ކުރުމަށް ސަރުކާރުތަކުން ބޭނުންވި ނަމަވެސް އެންމެ އެކަށީގެންވާ ޚަރަދެއް އެކަމަށް ކުރެވިފައި ނެތުމަކީ، މަސްވެރިކަން ޒަމާނާ އެއްވަރަށް ތަރައްޤީވުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ޤައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރާތާ 45 އަހަރު މިވަނީ ވެފައެވެ. ދިވެހިންގެ ކެއިން ބުއިމުގެ އަސާސެއް ކަމުގައިވާ ކަނޑުގެ ރޯދި ދިވެހިންގެ ސުފުރާތަކާއި ހަމައަށް ވާސިލްކުރާ މަސްވެރިކަމުގެ ސިނާޢަތުގެ އަގުވަޒަން ކުރަން ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރަން ފެށިތާ 45 އަހަރު ފުރުނީއެވެ. މިދުވަސް މިއަދު ފާހަގަކުރާއިރު، ޒަމާނާއި އެއްވަރަށް ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މަސްވެރިން ކުރިއަރައި މިއަދު މަސްވެރިކަމަކީ ހުނަރާޢި ތަޢުލީމުވެސް ބޭނުންވާނެ ސިނާޢަތަކަށް މިވަނީ ބަދަލުވެފައިވެއެވެ. މިއަދު ރާއްޖޭގައި މިކުރާ މަސްވެރިކަން ކޮންމެ ބަޔަކަށް އެކުރަނީ ކީއްކަން ނޭނގި ނުކުރެވޭނެއެވެ.

މިކަންކަމާއެކުވެސް މިއަންނަ ސުވާލަކީ، މަސްވެރިންނާއި އެއްވަރަށް މަސްވެރިންގެ އަތުގައި ހިފަން އޮތް ދައުލަތް އެއްފައި ހަމަކޮށްފިހެއްޔެވެ. ހިތާމައަކީ މިކަން މިގޮތަށް ވެފައި ނެތުމެވެ. އެންމެ ކުޑަމިން ކިރުވާ މަހަށް އަވަހަށް ފައިސާ ދެވޭނެ ރަނގަޅު ނިޒާމެއް އަދުގެ ސަރުކާރު އައުމާއި ހަމައަށްވެސް ޤާއިމުވެފައި ނެތުމެވެ. ސިނާޢަތުގެ އަގުވަޒަން ކުރާތާ 45 އަހަރުވީއިރު ޒަމާންވީ މައްސަލަތައް ފުނިޖެހި މަސްވެރިންނަށް ވުރެ ސަރުކާރު ވަސީލަތްތައް ނުވަތަ ސަރުކާރު އޮތީ ފަހަތުގައެވެ. ނަމަވެސް މިއަދުގެ ސަރުކާރުން މިހާލަތު ބަދަލު ކުރަން މިވަނީ މަސައްކަތް ފަށާފައެވެ.

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ފެށީ އެންމެ އަސާސީ މައްސަލަ ކަމުގައިވާ މަސްވެރިންނަށް ފައިސާ ޤަވާއިދުން 48 ގަޑިއިރުތެރޭ ދޭން ފަށަމުންނެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ބަދަލެއް އައިސްފައި ނުވެއެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް 58،510 ޓަނަށް 900،322،300ރ. މިފްކޯއިން ވަނީ ދޫކޮށްފައެވެ. މިކަމުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެ މަސްވެރިކަމަށް އިތުރު ފަރާތްތަކުން ޝައުޤުވެރިވެރިވެފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރައިން ވިދާޅުވިއެވެ.

ސަރުކާރުން މި ހާލަތު ބަދަލުކޮށް މަސްވެރިކަމަކީ މަންފާކުރަނިވި ސިނާޢަތަކަށް ބަދަލުކުރުމުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވި އެ ދަފްތަރުގެ ތެރެއިން ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހަދައިފިއެވެ. މަސްވެރިކަމުގެ އާމްދަނީ އަކީ މިހާރު ދައުލަތުން ބަލައިގަންނަ އާމްދަނީ އެކެވެ. އެކަމުގެ ސަބަބުން މަސްވެރިންނެކޭ އެހެން މަސައްކަތެއް ކުރާ މުވައްޒަފުންނެކޭ ތަފާތު ނުވޭނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރ.ދުވާފަރުގައި ފާހަގަކުރަނީ މި ބަދަލުތަކާއެކު މަސްވެރިކަމުގެ ޢީދެއް ގޮތަށެވެ. މިދުވަސް ފާހަގަކުރުމަށް ހަރަކާތްތައް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދާއިރު، ޖުމްލަ 7 ހަރަކާތެއް ވަނީ ރާވާފައެވެ. އެގޮތުން މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ މަސްވެރިންގެ ގުންޒަރުގެ އިތުރުން، މަސް ރޭހެއް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ހާއްސަ މަޢުރަޒެއް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ކެއްކުމުގެ މުބާރާތެއް ކުރިއަށް ގެންދާނެއެވެ. ދުވަހުގެ ހަރަކާތްތައް ނިންމާލާނީ ރައީސުލްޖުމްހޫރިއްޔާގެ ދެކެނބަލުން ބައިވެރިވާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާއިންނެވެ.

ޒަމާންވީ ގިނަ މައްސަލަތަކެއް މި ސިނާޢަތަށް ކުރިމަތިވެފައިވީ ނަމަވެސް ސަރުކާރުގެ އަމާޒަކީ 2027 ގެ ނިޔަލަށް މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް ހައްލުކޮށް މަސްވެރިންނަށް މިހާރު ބޭނުންވެފައިވާ ފާގަތިކަން ހޯދައި ދިނުމަށެވެ.