ޚަބަރު

ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި


  • އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ލިބޭނެ

  • އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ޤާއިމްވެގެން ދާނެ

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. މިއިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ.

ދުވާފަރުގެ ޞިއްޙީ މަރުކަޒު އައު އިމާރާތާއެކު ކުރިން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ޤާއިމްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރެއިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް މާލެ އައުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ތަކުން ބޭސްފަރުވާގެ ޚިދުމަތް އެންމެ އެކަށޭނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހޮސްޕިޓަލްތަކުގައި ގިނަ ޚިދުމަތްތައް އަންނަނީ ތައާރަފްކުރައްވަމުންނެވެ.