މަސްވެރިންނަށް މާލި އެހީ ލިބޭނެ ގިނަ ޚިދުމަތްތަކަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން "މަސްވެރިޔާ ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި އެޕް އިފްތިތާޙު ކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ޕޯޓަލް މެދުވެރިކޮށް އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެއެވެ.
އެގޮތުން ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށް 45 މިލިއަން ރުފިޔާއާއި ހަމައަށް ލުއި ލޯނަށް އެދި ހުށައެޅޭނެއެވެ. އަދި މަސްވެރިކަމުގެ ސާމާނު ގަތުމާއި، އައު ކުރުމަށް ލުއި ފައިނޭންސިންގެ ޒަރިއްޔާއިން 3 ލައްކަ ރުފިޔާއާއި ހަމައަށް އެދެވޭނެއެވެ.
މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް، ރާއްޖޭގެ ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސިންއަށް ހުށައެޅޭނެއެވެ. އެގޮތުން ތަޢުލީމު ޙާސިލު ކުރުމަށް ހިނގާ ޚަރަދުގެ %90އާއި ހަމައަށް ބޭންކް މެދުވެރިކޮށް މާލީ އެހީ ހޯދޭނެއެވެ. މި އެހީ ދޫކުރަނީ، %2.5ގެ ޕްރޮފިޓް މާޖިންގައެވެ.
މީގެއިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށް ޖުމުލަ %70 އާއި ހަމައަށް ފައިނޭންސް ހޯދޭނެއެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 7 އަހަރުގެ މުއްދަތުންނެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް ފައިނޭންސް ހަމަޖެހެނޭއެވެ.
މި ޕޯޓަލްގެ ސަބަބުން، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ފަސޭހަކަމާއެކު ސްކީމްތަކަށް ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
އަދި އޮންލައިންކޮށް ލިޔެކިޔުންތައް ހުށައެޅުމާއި، ހުށައަޅާ ސްކީމްތަކުގެ އަދާހަމަ ބަލާލުމާއި އަދި އެހެނިހެން ގިނަ މަޢުލޫމާތުތަކެއް ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ލިބޭނެއެވެ.
ސަރުކާރުން ވަނީ، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލާފައެވެ. މި މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ، އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.
އަދި ބޭންކްތައް މެދުވެރިކޮށް ފައިނޭންޝަލް ފެސިލިޓީތައް ހޯދުމުގެ ފުރުޞަތު މަސްވެރިންނަށްވެސް ފަހިވެގެން ދިއުމެވެ. ދަފްތަރުގައި ޖެހިފައިވާ މަސްވެރިންނަށް މިހާރުވެސް ލޯނު ދޫކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.