ކުޅިވަރު

ރެއާލް އަށް ދިޔަ ނުދޭން ބްރެޒިލުން އަންޗެލޯޓީގެ ކޮންޓްރެކްޓް އައު ކުރަނީ


ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ހިނގައިދާނެ ކަމަށް ބަލައި ބްރެޒިލުން ކޯޗު ކާލޯ އަންޗެލޯޓީގެ ކޮންޓްރެކްޓް އައު ކުރަން ނިންމައިފި އެވެ.

ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ އަންޗެލޯޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވީ ނިމިދިޔަ ސީޒަނަށް ފަހު މިދިޔަ ޖޫން މަހު އެވެ. އޭނާގެ ކޯޗުކަމުގައި ބްރެޒިލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

ނަމަވެސް ބްރެޒިލް މިހާރު ބިރުހީވެގެން އުޅެނީ އަންޗެލޯޓީ އަލުން ރެއާލް މެޑްރިޑަށް ހިނގައިދާނެތީ އެވެ. ސަބަބަކީ އޭނާ އަށް ފަހު އެ ޓީމާ ހަވާލުވި ކޯޗު ޒަބީ އަލޮންސޯ އަށް ނަތީޖާ ނުނެރެވި އޭނާ މަގާމުން ވަކިކުރުމާ ގާތުގައި އުޅޭތީ އެވެ.

ބްރެޒިލުން އަންޗެލޯޓީ އަށް އެންމެ ފުރަތަމަ ދިނީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އެއީ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އޭނާގެ ކޮންޓްރެކްޓް ހަތަރު އަހަރަށް އިތުރު ކުރުމަށެވެ. އެއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށްވެ.

އެހާތަނަށް އުމުރުން 71 އަހަރުވާނެ ކޯޗު ވެސް ހުރީ ބްރެޒިލްގެ ގައުމީ ކޯޗުކަމާ ވަރަށް ގަޔާވެގެންނެވެ. ނަމަވެސް އޭނާ އަކީ ރެއާލް މެޑްރިޑުގެ ވެސް އެންމެ ކާމިޔާބު ކޯޗެވެ. ޗެލްސީ އާއި އޭސީ މިލާނާއި ބަޔާން މިއުނިކާއި ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން އަންޗެލޯޓީގެ ޑިމާންޑް އަދިވެސް ބޮޑެވެ.