އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ލިބޭނޭ ގޮތް ކަށަވަރުކުރުން ކަމަށް ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ.އަދި ވ.އަތޮޅުގައި ފެށުމާއި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޞިއްޙީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފަރުދީ އަދި ޢާއިލީ ފެންވަރުގައި ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުގެ މައްޗަށާއި، ވަށައިގެންވާ މާޙައުލުގައި ކަންކަން އިންތިޒާމުވެފައި ހުންނަ ގޮތުގެ އިތުރުން ޞިއްޙީ މަޢުލޫމާތާއި ޞިއްޙީ ފަރުވާ ފަސޭހަކަމާއިއެކު ލިބޭނެހެން ޞިއްޙީ ޚިދުމަތުގެ ނިޒާމު ޤާއިމުވެފައިވުމުގެ މުހިންމު ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަޖުރިބާ ދަސްކޮށްދީފައިވާ އެއް ފިލާވަޅަކީ، ޒާތީ ދިރިއުޅުމާއި ވަށައިގެންވާ މާޙައުލުގައި ހިނގާ ކޮންމެ ކަމެއްވެސް ފަރުދުންނާއި ޖަމާއަތުގެ ދުޅަހެޔޮކަމާއި ގުޅި ލާމެހިފައިވާކަން. އަދި ހަމަ އެހެންމެ، އާއްމު ޞިއްޙަތުގެ މާޒީއާއި މިފަހުގެ ކާމިޔާބީތަކަށް ބަލައިލި ނަމަވެސް، ސާބިތުކޮށްދެނީ، ރައްޔިތުންގެ ޞިއްޙީ ކަންކަމުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ނަތީޖާ. ޞިއްޙީ ދާއިރާގެ އަބަދުގެވެސް އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، ރައްޔިތުންނާއި ގާތުން އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ފަސޭހަކަމާއިއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަޤްޞަދު ޙާޞިލު ކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ކަމަށެވެ.
އެކިއެކި ރޯގާތަކާއި ގައިންގަޔަށް އަރާ ގިނަ ބަލިތަކެއްގެ އަދި ވަކިން ޚާއްޞަކޮށް ޅަފަތުގައި ޖެހޭ ބަލިތަކުގެ ބިރުވެރިކަން ތަޙައްމަލު ކުރަމުން ދިޔަ ދިއުން ރާއްޖޭގައި ނިމުމަކަށް ގެނެވުނު އެއްސަބަބަކީ ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ރައްޔިތުންނާއި ގުޅިގެން ކުރި ބުރަ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކޮންމެއަކަސް، މިއަދުގެ އާއްމު ޞިއްޙަތުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، އެންމެ ކަންބޮޑުވާ މައްސަލައަކީ ދިގުމުއްދަތަށް ފަރުވާ ކުރަންޖެހޭ ގައިންގަޔަށް ނާރާ ދާއިމީ ބޮޑެތި ބަލިތަށް ނުވަތަ ނަން ކޮމުއިނިކަބަލް ޑިޒީޒަސް އިންތިހާއަށް އިތުރުވެފައިވާ މައްސަލަ. އަދި ހަމަ އެހެންމެ އެފަދަ ބަލިތަކަށް ހުށަހެޅިގެންދާ ހިރާސްތަކަށް އަޅުގަނޑުމެން ހުށަހެޅިފައިވާ މިންވަރުގެ ކަންބޮޑުވުން" ވަޒީރު ވިދާޅުވިއެވެ.
ޞިއްޙަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން %84 އަށްވުރެ މަތީ ޢަދަދެއް ޙިއްސާ ކުރަނީ ގައިގަޔަށް ނާރާ ބޮޑެތި ބަލިތައް ކަމުގައިވާއިރު، ދިރިއުޅުމުގެ މިހާރުގެ އާދަތަށް ހުރީވެސް މިފަދަ ބަލިތަކަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
2022 ގައި އާއްމުކުރި ސްޓެޕްސް ސަރވޭގެ ރިޕޯޓުގެ ނަތީޖާއަށް ރިޢާޔަތް ކުރާއިރު، ޒުވާނުންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކު އަދި މެދު އުމުރާއި ދޮށީ އުމުރުފުރައިގެ ކޮންމެ 2 މީހަކުން އެކަކު، ދިރިއުޅެނީ ގައިންގަޔަށް ނާރާ ބޮޑު ބައްޔަކަށް ހުށަހެޅިދާނެ 3 ހިރާސް ތަޙައްމަލު ކުރާ ޙާލުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ހިރާސްތަކަށް ހުށަހެޅިފައިވާކަން ގިނަ މީހުންނަށް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަކީ، އެންމެ އަހައްމިއްޔަތުކަން ދޭންޖެހޭ އެންމެ ހައްސާސީ ޞިއްޙީ މައްސަލަ ކަމަށާއި، މިއީ އާއިލާތަކުގެ ހިތްހަމަޖެހުމާއި، އުފެއްދުންތެރި ކަމާއި، ތަރައްޤީއާއި ގުޅިފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މި މައްސަލަ ޙައްލު ކުރުމުގައިވެސް އެންމެ މުހިއްމީ ފަރުދުންނާއި، ޞިއްޙީ ދާއިރާއާއި، އެހެނިހެން ދާއިރާތަކާއި ގުޅިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ކަމުގައިވާއިރު، ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަށް ބަރޯސާވެ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، ކާމިޔާބީއަށް ވާޞިލުވެވެން އޮތް އެންމެ ފަހި މަގު ކަމަށްވެސް ވަޒީރު ގީލާ ޢަލީ ވިދާޅުވިއެވެ.