ޚަބަރު

ޤަވާއިދާ ޚިލާފަށް ހިންގި ދެ ވިޔަފާރި ހުއްޓުވައި، އެއްތަނަކަށް ނޯޓިސް ދީފި


  • މާލޭގެ 9 ތަނެއް ވަނީ ބަލާ ފާސްކޮށްފައި

  • މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރި ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފިއެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ 9 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އިޤްތިޞާދީ ވުޒާރާއިން 2 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 1 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި، ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.