ޚަބަރު

ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ރާއްޖެއަށް


ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ވާޖިދު އަލީ ޗައުދަރީ ރާއްޖެ ވަޑައިގެންފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ވާޖިދު ރާއްޖެ ވަޑައިގެންނެވިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްގެ މަގާމާ އިޝްފާން ހަވާލުވެވަޑައިގެންނެވި ފަހުން، ބެޑްމިންޓަން އޭޝިއާގެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެއަރޕޯޓުގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނަށް ނިސްބަތްވާ ވާޖިދު ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖޭގެ ބެޑްމިންޓަން މިހާރު އޮތް ހާލަތު ރަނގަޅު ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ބެޑްމިންޓަން އޭޝިއާގެ ފަރާތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އައު ރައީސްގެ މަގާމަށް އިޝްފާން އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާއަކީ ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް އެންމެ ގާބިލު ބޭފުޅާ ކަމަށްވެސް ވިދާޅުވިއެވެ.

ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ރާއްޖެ ވަޑައިގެންނެވިއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ހައިސިއްޔަތު އިޔާދަކޮށް، އެ އެސޯސިއޭޝަނަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އަޅައިފައިވާ ސަސްޕެންޝަނުގެ އަބަދުން މި މަހުގެ ކުރީކޮޅު ވަނީ ވީއްލިފައެވެ.