ޚަބަރު

ޔުނައިޓެޑް އަތުން ބޯންމަތަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމަތާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އަށް ލަނޑު ފެނިގެންދިޔަ މި މެޗުގެ 13 ވަނަ މިނެޓުގައި އަމަޑް ޑިއާލޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 40 ވަނަ މިނެޓުގައި އެންޓޮއިން ސެމެންޔޯ ވަނީ ލަނޑެއް ޖަހައި ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑުން އަލުން ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ކެސެމީރޯއެވެ.

މި މެޗުގައި ބޯންމަތުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެވަނިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާކަސް ޓަވެނިއާ ވަނީ ބޯންމަތަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ 77 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރިއިރު، އޭގެ ދެ މިނެޓު ފަހުން މަތެއުސް ކުންޔާ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފައެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އެލީ ޖޫނިއަރ ކްރޫޕީގެ ލަނޑާއެކު ބޯންމަތުން ވަނީ ނަތީޖާ އެއްވަރުކޮށް، މި މެޗުން ޕޮއިންޓެއް ހޯދާފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 16 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ކްރިސްޓަލް ޕެލަސް އާއި ހަތްވަނައިގައި އޮތް ލިވަޕޫލްއަށްވެސް ވަނީ 16 މެޗުން 26 ޕޮއިންޓް ލިބިފައެވެ. އަދި ޔުނައިޓެޑް އަތުން ޕޮއިންޓެއް ހޯދި ބޯންމަތު އޮތީ ތާވަލުގެ 13 ވަނައިގައި 16 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ.