ޚަބަރު

ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރަން އެމްޕީއެލްގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީންތަކެއް


  • 18 ބައިވެރިން ވަނީ ޔޫ އެން އަންކްޓަޑް ޕްރޮގްރާމް ފުރިހަމަކޮށްފައި

  • އިތުރު ގިނަ ދާއިރާތަކުންވެސް ތަމްރީން ދީފައިވޭ

އެމްޕީއެލްއިން ކުރިއަށް ގެންދިޔަ ޔޫ އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމާއި އިތުރު ތަމްރީންތައް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިއީ، ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގި ޕްރޮގްރާމްތަކެކެވެ.

ރޭ މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވިޔަފާރިއާއި އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި ޔޫ އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި، އެމްޕީއެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރު އެމްޕީއެލްއިން ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ، 2024 ވަނަ އަހަރުގެ ތެރޭގައެވެ. 18 މަސް ދުވަހަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް 18 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 17 ފަރާތަކީ، އެމްޕީއެލްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މީގެއިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މުވައްޒަފެއްވެސް މި ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފްއެވެ.

މި ޕްރޮގްރާމްގެ ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ، އެމްޕީއެލްގެ އެސިސްޓެންޓް ޕްލޭނަރ ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ، އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރ، ހައިސަމް ސަޢީދަށެވެ. ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމްއަށް ވަނީ، ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް ޑިގްރީ ސްކޮލަރޝިޕެއް ލިބިފައެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން ވަޒީރު ސަޢީދެވެ.

އެމްޕީއެލްއިން 2025 ވަނަ އަހަރު ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލްރަޙްމާން މުބާރިކެވެ. މި އަހަރު 8 ބައިވެރިން ވަނީ، މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަ ކުރި ބައިވެރިންނާވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެމްޕީއެލްއިން ހިންގާ އެޕްރެންޓިސް އަދި އިންޓާރންޝިޕް ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި އެކި ޕްރޮގްރާމްތަކުގެ ލެކްޗަރާރއިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް ރޭ ވަނީ ޚާއްޞަ ބެޖެއް ދީފައެވެ. މި ބެޖްތައް ހަވާލުކޮށްދެއްވީ، އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.

މީގެ އިތުރުން، އެމްޕީއެލްއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި އެމްޕީއެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުޙައްމަދު ޔައީޝް ޢަލީއަށް ވަނީ، އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑެއް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިންގ ސެންޓަރަކީ، އެމްޕީއެލްގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ސެންޓަރެކެވެ. އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރއިން ކޮންމެ އަހަރަކުވެސް، އެކުންފުނީގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި ޕޯޓުގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ.