ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް، ޑީބީއެމްގެ މަތީ މަގާމުތަކަށް، ބޮޑު މުސާރައަކާ އެކު މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. މި ބޭންކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.
ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ހިމެނޭ މަގާމުތަކުގެ ތެރޭގައި މާކެޓިން އެގްޒެކެޓިވްއަކާއި، ތިން ފައިނޭންސް މެނޭޖަރުންނާއި، ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި، ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުން ހިމެނެއެވެ. މީގެ އިތުރުން އައިޓީ މެނޭޖަރަކާއި، އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި، ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި، ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއްވެސް ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.
މި މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގައެވެ. އަދި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އެވެ.
މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޑިވެލޮޕްމެންޓް ބޭންކް އޮޕަރޭޝަނަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.