ޚަބަރު

ގަރްނާޗޯގެ ދެ ލަނޑާއެކު ޗެލްސީ ސެމީ އަށް


އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.

ޗެލްސީ އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކާޑިފް ސިޓީ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 3-1 ގެ ނަތިޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން އެވަޓަން އަތުން މޮޅުވި މެޗަށް ނިކުތް ޓީމު އެއްކޮށް ބަދަލުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޗެލްސީގެ އަލެހަންދްރޯ ގަރްނާޗޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ކާޑިފް ސިޓީގެ ޑޭވިޑް ޓަރންބުލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޗެލްސީ އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ޕެޑްރޯ ނެޓޯ އެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ.

މި މެޗުގައި ޗެލްސީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ގަރްނާޗޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ބުދަ ދުވަހު ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތަށް ފަހުގަ އެވެ.