ޚަބަރު

ޓީޖީއެސްޓީ އިތުރުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް


  • ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • މިހާތަނަށް ޓެކްސްގެ ޖުމްލަ އާމްދަނީ 26.9 ބިލިޔަން ރުފިޔާއަށް އަރާ

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މާލީ ކަންކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. އަދި ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ޚަރަދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 36 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ، 32.6 ބިލިޔަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ, ޓީޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ.

މިހާތަނަށް ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނިއާ އަޅާބަލާއިރު 9.2 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ޓެކްސް އާމްދަނީ ހުރީ، 24.7 ބިލިޔަން ރުފިޔާގައެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުތައް ހުރީ، 37.9 ބިލިޔަން ރުފިޔާގައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ.

ޕީއެސްއައިޕީގެ ދަށުން، ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ 7.3 ބިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ޞިއްޙަތާއި ދަތުރުފަތުރުގެ ދާއިރާއިންނެވެ. ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް 443.0 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދަތުރުފަތުރަށް 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން، އެއަރޕޯޓާ ގުޅުން ހުރި ޕީއެސްއައިޕީ ޚަރަދު 3.2 ބިލިޔަން ރުފިޔާއަށް އަރައެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ ބެލެންސް ހުރީ، 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. މިއީ، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 10.8 ބިލިޔަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.