ކުޅިވަރު ވަސީލަތްތަކާއެކު، ގައުމީ ޓީމަށް އެރޭނެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އުފެދިގެންދިޔުމަކީ އުންމީދެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ސަރުކާރުން ތަރައްގީކުރި ވޮލީކޯޓު ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
މި ކޯޓު ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ވޮލީކޯޓާއެކު ދިއްދޫގެ ރައްޔިތުންނަށް ކުޅިވަރުން ކުރިއަށް ދިޔުމަށް މަގުފަހި ވާނެ ކަމަށެވެ. އަދި މި ވޮލީ ކޯޓުގެ ބޭނުން ދިއްދޫގެ ރައްޔިތުން ހެޔޮގޮތުގައި ހިފުމަށް ވަޒީރު ވަނީ އިލްތިމާސްކޮށްފައެވެ.
ވަޒީރު ވިދާޅުވީ، މި ވޮލީކޯޓުގެ ސަބަބުން ސިއްހީ ގޮތުންވެސް ދިއްދޫގެ މުޖުތަމައަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ހެލިފެލިވެ އުޅުމުގެ މުހިންމުކަން ވަޒީރު ވަނީ ވިދާޅުވެދެއްވައިފައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މި ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ގައުމީ ޓީމަށް ކުޅޭ ފެންވަރުގެ ކުޅުންތެރިން އުފެއްދުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ލާމަރުކަޒުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށްޓަކައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮފިތައް ހެދުމުގެ ހުއްދަ ކުޅިވަރުގެ ގާނޫނުން މިހާރު ލިބިދެއެވެ. އޭގެ ބޭނުން ހިފައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިހާރު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ އެސޯސިއޭޝަންގެ ގޮފިތައް ނޫނީ އެސޯސިއޭޝަންތައް އުފައްދަން މަސައްކަތް ކުރަމުންނެވެ.
ކުޅިވަރު ފެސިލިޓީތައް އެޅިގެންދާއިރު، އެތަންތަން ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭނެ ގޮތައް މެނޭޖްކޮށް ބެލެހެއްޓުމަށްވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިއްދޫގައި އެޅިގެންދިޔަ ވޮލީކޯޓަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިއުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.