ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ ޕާކިސްތާނާއި ރާއްޖޭގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤް ރާއްޖެ ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށެވެ. މިއީ 3 ދުވަހުގެ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައިީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، ރާއްޖޭގެ ތަޢުލީމާއި ސިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަންވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމަށްފަހު، ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ވަނީ އެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.