ޚަބަރު

އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި


  • މި މަސައްކަތުގައި މޯލްޑިވިއަންއާއި ފްލައިމީގެ އޮޕަރޭޓަރުން ބައިވެރިވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ، ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތްދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑ، އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްްޓެއްގައި ވިދާޅުވީ، އައު އައު ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތްދޭން ފެށުމަށް، ދެ އެއަރލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރިކުރުމަށް ޓްރަޔަލްއެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.

އެގޮތުން ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ފްލައިމީގެ އޮޕަރޭޓަރުން މި މަސައްކަތުގައި ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮތީ ރާއްޖޭގައިކަމަށްވާއިރު، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ.

ވީއައިއޭގެ އައު ޓާމިނަލުން 33 އެއަރލައިނަކަށް މިހާރުވެސް އަންނަނީ ޚިދުމަތްދެމުންނެވެ.

ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.