ޚަބަރު

އެލް ނީނޯގެ ސަބަބުން ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ!


އެލް ނީނޯގެ މޫސުމީ ނޭދެވޭ އަސަރުތަކާއެކު ޣައްޒާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. ގެ ހިޖުރައާބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޯ.އެމް) އިން ދީފިއެވެ.

މިފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާއިރު، ޔަހޫދީ ބާރުތަކުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ ފޭލިގެތަކާއި ވަގުތީ ހިޔާވަހިކަމުގެ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކުރިއަށް އޮތް ފިނި މޫސުމާ ކުރިމަތިލާއިރު، ޣައްޒާގެ މުޅި އާބާދީއަށް ކަހަލަ ގޮތަކަށް ޓެންޓާއި އަސާސީ ހިޔާވަހިކަން ކޮންމެހެން ބޭނުންވެފައިވާ ކަމަށް އައި.އޯ.އެމް އިން ހާމަކުރެއެވެ. އދ ގެ މޫސުމާބެހޭ މާހިރުން އަންދާޒާކުރާ ގޮތުގައި، ކުރިއަށް އޮތް އެލް ނީނޯ މޫސުމަކީ ފަހުގެ ތާރީޚެއްގައި ފެންނާނެ އެންމެ ވިއްސާރަ އަދި ގަދަފަދަ މޫސުމަށް ވުން އެކަށީގެންވެއެވެ. މީގެ އިތުރުން، ޣައްޒާގެ ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުންތަކާއި، ނަރުދަމާގެ ނިޒާމު އެއްކޮށް ސުންނާފަތިވެފައި ވުމުގެ ސަބަބުން، ބޮޑެތި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބަލިމަޑުކަން ފެތުރުމުގެ ބިރުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ލާއިންސާނީ ޢުދުވާނުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި، ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުން ކުއްލި އެހީއަށް ބޭނުންވެފައިވާ ކަމަށް އައި.އޯ.އެމް ގެ ޑިރެކްޓަރ ޖެނެރަލް އެމީ ޕޯޕް ވިދާޅުވިއެވެ. ނަމަވެސް، މި ފިނި މޫސުމަށް އެ ސަރަޙައްދަށް ބޭނުންވާ ސާމާނުގެ ތެރެއިން މިހާތަނަށް ފޯރުކޮށްދެވުނީ އެންމެ 17 އިންސައްތަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެތައް ފަހަރަކު ގެދޮރު ގެއްލި، ނިކަމެތިވެފައިވާ ޢާއިލާތަކަށް ފިނި މޫސުމުގެ ގަދަފަދަ ފިނީގައި ރައްކާތެރިކަން ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެހެންނަމަވެސް ޔަހޫދީން ގަސްދުގައި ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ބޮޑެތި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަކުޑިއާއި، ދަގަނޑު، ސަތަރި އަދި އެހެނިހެން ޒަރޫރީ ސާމާނު ހިމެނޭ 8,600 ވަގުތީ ހިޔާވަހިކަމުގެ ކިޓް ޣައްޒާއަށް އެތެރެކުރުމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހުރަސްއަޅާފައެވެ. އެއީ މަދަނީ ބޭނުމުގެ އިތުރުން އަސްކަރީ ބޭނުންތަކަށްވެސް ބޭނުންކުރެވިދާނެ ތަކެތި ކަމަށް ބުނެ ބަހަނާ ދައްކަމުންނެވެ.

އައި.އޯ.އެމް އިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ސަތަރި އަދި މަދު ޓެންޓުކޮޅެއް އެތެރެކުރެވުނު ނަމަވެސް، ބޭނުންވާ މިންވަރާ އަޅައިބަލާއިރު އެއީ ވަރަށް މަދު މިންވަރެކެވެ. މިހާރު ބޭނުންކުރަމުންދާ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ބާވެ ވީދިފައިވާއިރު، ބޮންއަޅައި ހަލާކުކޮށްލާފައިވާ ޢިމާރާތްތަކަކީވެސް ރައްކާތެރި ތަންތަނަށް ނުވާތީ، ޢާންމުން ދާނެ އެހެން އެއްވެސް ތަނެއް ނެތެވެ. މިދިޔަ އޮގަސްޓު މަހު އެކަނިވެސް ވެއްޓުމުގެ ނުރައްކާ އޮތް 3,600 އަށްވުރެ ގިނަ ޢިމާރާތް ފާހަގަކުރެވިފައިވާއިރު، ޣައްޒާގެ 1.8 މިލިއަން މީހުން މިވަގުތުވެސް ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ބޮޑު ނުރައްކަލެއްގެ ތެރޭގައި ތިބެގެން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮއްފައެވެ.