ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ. ރަަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްެޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ އެއްކޮށް ނިމިފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢުގެ 17 އިންސައްތައެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ 'ރަސްމާލެ' ނަމުގައި ބިޔަ މަޝްރޫޢެއް ފައްޓަވާފައިއެވެ. މިމަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުންދަނީ ކުރަމުންނެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ސައިޓް އޭގެ މަސައްކަތް ފެށީ މިމަހުގެ 1ގައެވެ.
ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންނެވެ. ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.