ޚަބަރު

ޢަރަބި ބަސް ވަނީ ދިވެހިންގެ ދީނީ ޙަޔާތާއި ޢިލްމީ ތަރިކަތަކާ ގުޅިފައި: ތަޢުލީމީ ވަޒީރު


  • ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މުބާރާތްތަކުން 1 ވަނައަށް ހޮވުނު ފަރާތްތަކަށް ޢުމްރާ ދަތުރެއް ވަނީ ދީފައި

ދިވެހިން އިސްލާމްދީން ޤަބޫލުކުރަން ފެށި ހިސާބުން ޢަރަބި ބަސް ވަނީ ދިވެހިންގެ ދީނީ ޙަޔާތާއި ޢިލްމީ ތަރިކަތަކާ ވަކިނުކުރެވޭ ގޮތަކަށް ގުޅިލާމެވިފައިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ ޢަރަބި ބަހުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށް ވަނީ ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލް ގަހްތާނީ ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ޢަރަބި ބަހަކީ ހަމައެކަނި ބަހަކަށްވުރެ މާ މަތިވެރި ބަހެއް ކަމަށެވެ. އަދި އެއީ ދީނާއި، ޢިލްމާއި، ތަހުޒީބާއި، އިންސާނިއްޔަތުގެ ޢާންމު ތަރިކައެއްގެ ބަހެއްކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަތޭކަ މިލިޔަނުން މީހުން މި ބަހުން ވާހަކަ ދައްކާއިރު ދިވެހިންނަށް ޢަރަބި ބަހަކީ ދުނިޔެވީ ފުޅާ މާނައެއް ދޭހަކޮށްދޭ އަދި ޒާތީ ގޮތުން ފުންކޮށް ގުޅިލާމެވިފައިވާ ބަހެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރި ހިސާބުން ފެށިގެން، ޢަރަބި ބަސް ވަނީ އަޅުގަނޑުމެންގެ ދީނީ ޙަޔާތާއި ޢިލްމީ ތަރިކަތަކާ ވަކިނުކުރެވޭ ގޮތަކަށް ގުޅިލާމެހިފައި. ކީރިތި ޤުރުއާން ތިލާވަތުކުރުމުން ފެށިގެން ދުވަހު ނަމާދުތަކަށާއި، ދުޢާ ކުރުމުން ފެށިގެން ސަލާމް ބުނުމާއި ޝުކުރުވެރިކަން ފާޅުކުރުމާ ހަމައަށް، ޢަރަބި ބަސް ވަނީ އަޅުގަނޑުމެންގެ ގޭގަޔާއި، މިސްކިތްތަކުގަޔާއި، ހިތްތަކާއި ގުޅިފައި." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދިޔަ 3 މުބާރާތަކުން 1 ވަނައަށް ހޮވުނު ފަރާތްތަކަށް ޢުމްރާ ދަތުރެއް ހަދިޔާކޮށްފައެވެ. އެއީ ޢަރަބި ބަހުން ޅެން ހެދުމާއި، ވާހަކަދެއްކުމާއި، އަދި ލިޔުމެވެ.